31 Aug 2016, 08:56
ބޮލީވުޑްގެ ގިނަ އަންހެން ފަންނާނުންނަކީ ބައެއް ކަހަލަ ރޯލުތަކުން އެއްގޮތަކަށް ވެސް ނުފެންނަ ފަންނާނުންނެވެ. މަންމަ އިންގެ ރޯލަކީ ގިނަ ފަންނާނުން އެހާ ކުޅެން ބޭނުންވާ ރޯލެއް ނޫނެވެ. އެފަދަ ރޯލުތަކަށް ގިނަ ތަރިން ވަނީ ނޫނެކޭ ވެސް ބުނެފަ އެވެ.
ނަމަވެސް މަންމައެއްގެ ރޯލު ކުޅެން އެއްވެސް މައްސަލަ އެއް ނެތް ކަމަށާއި، ރަނގަޅު ރޯލެއް ލިބިއްޖެ ނަމަ އާނ ބަސް ބުނުމަށް ތައްޔާރަށް ހުރި ކަމަށް ޝިލްޕާ ޝެޓީ މިވަނީ ބުނެފަ އެވެ.
މިހާރު ފިލްމުތަކާ ދުރުގައި ހުރި ނަމަވެސް، ޝިލްޕާ ހުރީ އަލުން ފިލްމެއްގައި މަސައްކަތް ކުރުމަށް ރަނގަޅު ފުރުސަތެއް ނުލިބިފަ އެވެ.
ފިލްމެއްގައި މަންމަ އެއްގެ ރޯލު ކުޅުމާ މެދު ދެކޭގޮތަކީ ކޮބައިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޝިލްޕާ ބުނީ މަންމަ އެއްގެ ރޯލު ނުކުޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އަހަރެންގެ މައްސަލައެއް ނެތް މަންމަ އެއްގެ ރޯލު ކުޅޭކަށް. ކީއްވެ މައްސަލައަކަށް ވާންވީ. އަހަންނަކީ ވެސް މައެއް،" ޝިލްޕާ ބުންޏެވެ.
ޝިލްޕާ ބުނީ އެކަމަކު އެއީ އެކަށީގެންވާ ރަނގަޅު ރޯލަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އޭނާ ފިލްމެއްގައި މަސައްކަތް ނުކުރި ނަމަވެސް، ދިރިއުޅުމުގައި ކުރަން ޖެހޭ މަސައްކަތް މަދު ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
"އަހަރެންގެ ހަޔާތުގައި މިހާރު އެންމެ އިސްކަމެއް ދެނީ މައެއްގެ ޒިންމާތައް އަދާކުރުމަށް. ފިލްމަކަށް އާނ އެކޭ ބުނެވޭނީ އަހަރެން އަދާކުރަންޖެހޭ ޒިންމާތަކަށް ބުރޫ ނާރާ ނަމަ،" އުމުރުން 41 އަހަރުގެ އެކްޓްރެސް ބުނެފައިވެ އެވެ.
ޝިލްޕާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ކުޑަކުދިންގެ ޑާންސް ރިއަލިޓީ ޝޯވ "ސުޕަރ ޑާންސަރ" ގެ ފަނޑިޔާރެއްގެ ގޮތުގަ އެވެ.
ފިލްމަކުން ޝިލްޕާ ނުފެންނަތާ މިހާރު އަށް ވަރަކަށް އަހަރު ވަނީ ވެފަ އެވެ. ނަމަވެސް 2008 ވަނަ އަހަރު ނުކުތް "ދޯސްތާނާ" ފިލްމުގެ ލަވައަކުން ޝިލްޕާ ވަނީ ފެނިގެން ގޮސްފަ އެވެ.
ޝިލްޕާ ބުނީ މުޅި ހަޔާތް ވޭތުކުރީ ފިލްމީ ދާއިރާގައި ކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތާއި ދުރުގައި ހުންނަން ޖެހުމުން ފަޅުކަން އިހުސާސް ކުރެވޭ ކަމަށެވެ.
އަދި ރަނގަޅު ފުރުސަތެއްގެ އިންތިޒާރުގައި ހުރި ކަމަށް ވެސް ޝިލްޕާ ވަނީ ބުނެފަ އެވެ.