ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން 16 މުވައްޒަފަކަށް ޕީއެޗްޑީ އަދި މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު ދީފި އެވެ.

އެ ފުރުސަތުތަކަކީ ގައުމީ ޔުނިވާސިޓީގެ އިންސާނީ ވަސީލަތް އިތުރަށް ހަރުދަނާކޮށް ކިޔަވައިދިނުމުގެ މިންގަނޑާއި ފެންވަރު ހަރުދަނާ ކުރުމުގެ މަގްސަދުގައި އެ ޔުނިވާސިޓީން މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުވާލި އެފަދަ ފުރުތަމަ ފުރުސަތެވެ.

ފުރަތަމަ ފުރުސަތުގައި މާސްޓާސް އަށް ކިޔެވުމުގެ 10 ފުރުސަތާއި ޕީއެޗްޑީއަށް ކިޔެވުމުގެ 10 ފުރުސަތަކާ އެކު ޖުމްލަ 20 ފުރުސަތެއް ހުޅުވާލި އެވެ. އަދި ފުރުސަތުތަކަށް ޔުނިވާސިޓީގެ 39 މުވައްޒަފަކު ކުރިމަތިލި ކަމަށް ޔުނިވާސިޓީން ބުނެ އެވެ. ނަމަވެސް މިއަދު އެވޯޑް ކުރީ 16 ފުރުސަތެކެވެ.

ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލޮޝިޕްތަކަށް ކުރިމަތިލި މުވައްޒަފުން ތިން މަރުހަލާއަކަށް ބެލުމަށް ފަހު ހާއްސަ އިންޓަވިއުއަކުން ފާސްވި، އަށް މުވައްޒަފަކަށް މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު އަދި ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު އަށް މުވައްޒަފަކަށް ވަނީ ދީފަ އެވެ.

އަދި ކަނޑައެޅި 20 ސްކޮލޮޝިޕް ފުރުސަތުގެ ތެރެއިން މިއަދުގެ ރަސްމިއްޔާތުގައި ހަވާލުނުކުރެވުނު ހަތަރު ސްކޮލޮޝިޕެއް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ޔުނިވާސިޓީން ބުނެ އެވެ.

މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް މިއަދުގެ ރަސްމިއްޔާތުގައި ސްކޮލޮޝިޕް ހަވާލުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ފަވާޒު ވިދާޅުވީ، މި ޕްރޮގްރާމަކީ ގައުމީ ޔުނިވާސިޓީގެ ކިޔަވައިދިނުމުގެ މިންގަނޑާއި ފެންވަރު ހަރުދަނާ ކުރުމުގެ ފެށުމެއް ކަމަށެވެ. އަދި މުވައްޒަފުންނަށް މަތީ ތައުލީމު ހާސިލްކުރުމުގެ ދެވަނަ ޕްރޮގްރާމެއް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީން ބުނީ، މުވައްޒަފުންނަށް ދިން ހުރިހާ ސްކޮލޮޝިޕްތަކަކީ ފުލް ފަންޑަޑް އަދި ތައުލީމު ހާސިލްކުރުމަށް ފަހު ވަކި މުއްދަތަކަށް ޔުނިވާސިޓީ އަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭ ފުރުސަތުތަކެއް ކަމަށެވެ.

ސްކޮލޮޝިޕް ލިބުނު ކޮންމެ މުވައްޒަފަކަށް ވެސް މެލޭޝިއާ ހިމެނޭ ގޮތަށް އޭޝިއާ ސަރަހައްދުގެ ކޮންމެ ތައުލީމީ އިންސްޓިޓިއުޓްއަކުން ވެސް ތައުލީމު ހާސިލްކުރެވޭނެ ކަމަށާއި ތައުލީމު ހާސިލްކުރަން ބޭނުންވާ ތައުލީމީ އިންސްޓިޓިއުޓެއް ނިންމާނީ އެ މުވައްޒަފަކު އަމިއްލަ އަށް ކަމަށް ވެސް ޔުނިވާސިޓީން ބުނެ އެވެ.

ނަމަވެސް ކަނޑައަޅާފައިވާ ގައުމުތަކުގެ އިތުރުން އެހެން ގައުމަކަށް ކިޔަވަންދާ ނަމަ، އެކަމަށްދާ އިތުރު ހަރަދުތައް ހަމަޖައްސަން ޖެހޭނީ އެ މުވައްޒަފަކު އަމިއްލަ އަށް ކަމަށް ވެސް ޔުނިވާސިޓީން ބުނެ އެވެ.