ރާއްޖޭގައި ކުރިޔަށްދާ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ދަތިކަން ކުރިމަތިވާ ހާލަތްތަކަށް ބަފަރ ސްޓޮކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ޚާއްސަ ފަންޑެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.

މީރާއާއި އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް-ކޮރެއާ ޕޮލިސީ ސެންޓަރާ ގުޅިގެން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑެއް އުފައްދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، އެފަދަ ފަންޑެއް ގާއިމުކުރެވިއްޖެ ނަމަ ބޮޑެތި މަޝްރޫއުތަކާ ގުޅިގެން ރާއްޖެ ދަރަނިވެރި ނުވެ، ބޭނުންވާ ފައިސާ ލިބޭނެ ކަމަށާއި، އަދި މަޝްރޫއަކަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ދަރަންޏަށް ފައިސާ ނެގުމާއި އިންވެސްޓްމެންޓު ހޯދުމުގެ ބުރަ ކުޑަ ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރު ވެރިކަމަށް އައި ފަހުން، ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޖީޑީޕީގެ 12 ޕަސަންޓާ ހަމައަށް އަރާފައިވާ ކަމަށާއި، އެއީ މި ސަރަހައްދުގެ އެންމެ މަތީ މިންވަރު ކަމަށެވެ.

"މިއީ ރާއްޖޭގައި އިންވެސްޓަރުންނަށް ރަހުމަތްތެރި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކޮށްފައިވާ ބައެއް ބޮޑެތި މަސައްކަތްތަކުގެ ނަތީޖާ. އޭގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނު ހެދުން ފަދަ ކަންކަން ހިމެނޭ. މިކަހަލަ ކަންކަމުން ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓުތައް ރާއްޖެއަށް އަމާޒުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރުމަށް އޮތް ހާލަތް އިންވެސްޓަރުންނަށް ފަސޭހައިން އަންގައިދިނުމަށް ރާއްޖޭގެ ސޮވަރިން ކްރެޑިޓް ރޭޓިންގް ހަދަން ފެށުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ސޮވަރިން ކްރެޑިޓް ރޭޓިންގްއެއް ރާއްޖޭގައި ހެދުމުން، ރާއްޖޭގައި އިންވެސްޓް ކުރުމުގައި އޮތް ވިޔަފާރީގެ އަދި ސިޔާސީ ރިސްކުތައް ފަދަ މައުލޫމާތުތަކަށް ރިއާޔަތްކޮށް، ކްރެޑިޓް ރޭޓުކުރާ އޭޖެންސީއަކުން ރާއްޖެއަށް ވަކި ވަރެއް ރޭޓު ކުރެއެވެ. މި ރޭޓިންގ ދޭ އިރު، ރޭޓިންގް ހަދާ އޭޖެންސީއިން ރާއްޖޭގެ އިގްތިސާދީ އަދި ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާނެއެވެ.

ބައިނަލްއަގުވާމީ ބޮންޑު މާކެޓުތަކުގައި ފަންޑިންގ ހޯދުމަށް، ރަނގަޅު ސޮވަރިން ކްރެޑިޓް ރޭޓިންގްއެއް ހޯދުމަކީ ކުރިއަރަމުން އަންނަ އިގްތިސާދުތައް އޮންނަ ގައުމުތަކަށް މުހިންމު ކަމެކެވެ.

މިނިސްޓަރ ވިދާޅުވީ، މޫޑީޒް އިންވެސްޓާ ސާވިސެސްއާ ގުޅިގެން މީގެ އެކްސަސައިޒެއް ވެސް މިހާރު ހަދާފައިވާ ކަމަށެވެ.

މޫޑީޒް އިންވެސްޓާ ސާވިސެސްއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ތިން ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުގެ ތެރޭގައި ހިމެނޭ އޭޖެންސީއެކެވެ.