ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު، ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ އަބުރުގެ ދައުވާއާ ގުޅިގެން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް (ރާއްޖެ ޓީވީ) އަށް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

ކޯޓަށް ހާޒިރުވުމުގެ އަމުރުފޮނުވާފައިވާކަން ރާއްޖެ ޓީވީން ވަނީ ސަންއަށް ކަށަވަރުކޮށްދީފައެެވެ.

ސިވިލް ކޯޓުން އިއްޔެ ނެރެފައިވާ އެ އަމުރުގައި ބުނެފައި ވަނީ، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް އެ ކޯޓަށް ހާޒިރުކުރަނީ، "ވައިޖެހޭގެ/ގއ. ވިލިނގިލި ޔަޛީދު މުޙައްމަދު ދަޢުވާކުރާ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައަކަށް،" ކަމަށެވެ.

ޔަޒީދު ރާއްޖެ ޓީވީއާ ދެކޮޅަށް އަބުރުގެ ދައުވާކުރައްފައި ވަނީ، ޖުލައި މަހު 30 ވަނަ ދުވަހު "މީރާގައި ރަޖިސްޓަރ ނުކޮށް، ޓެކްސްއަށް ފިއްލަވައިގެން ޔަޒީދު ވިޔަފާރި ކުރައްވަނީ" ސުރުހީގެ ދަށުން ރާއްޖެ އެމްވީގައި ޝާއިއުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ނެރުނު އަމުރުގައި، 4 ސެޕްޓެމްބަރު 2016 ދުވަހުގެ 13:45 އަށް އެ ކޯޓަށް ހާޒިރުވުމަށް ރާއްޖެ ޓީވީއަށް އަންގާފައިވެއެވެ.

ޔަޒީދާ ގުޅޭ ގޮތުން ރާއްޖެ އެމްވީގައި ޝާއިއުކޮށްފައިވާ އެ ޚަބަރުގައި ބުނެފައި ވަނީ، ނަޒާހަތްތެރިކަން އިތުރުކުރުމަށް ކަމަށްބުނެ މިދިޔަ އަހަރު ބައެއް ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ ވެރީންނަށް ގާނޫނުއަސާސީގެ 102 ވަނަ މާއްދާއާ ޚިލާފަށް ސަރުކާރުން ދިން ރެހެންދި ފްލެޓްތަކުގެ ތެރޭން ޔަޒީދަށް ލިބިވަޑައިގެންނެވި ފްލެޓް ނަމްބަރު 3ބީ، 2000 ޑޮލަރަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ.

މިއީ އަބުރުގެ ގާނޫނު ފާސްކުރުމުގެ ކުރީން ހިނގި ކަމަކަށް ވާތީ، މި މައްސަލައިގައި ދައުވާކޮށްފައި ވަނީ، "އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު"ގެ ދަށުންނެވެ.

އަބުރުގެ ދައުވާއަކާ ގުޅިގެން މީގެ ކުރީންވެސް ރާއްޖެ ޓީވީ ވަނީ، ކޯޓަށް ހާޒިރުކޮށްފައެވެ.