ރާއްޖޭގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދާ "ރަންވޭލާ" ޕްރޮގްރާމާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތުދީ، ހޭލުންތެރިކުރުވައިފި އެވެ.

މުޖުތަމައު އާއި އާއިލާ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފެށި ރަންވޭލާ ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބ. އަތޮޅު އޭދަފުށީގަ އެވެ.

"ރަންވޭލާ" އަށް މީޑިއާތައް ހޭލުންތެރިކުރަން ޖެންޑާ އެންޑް ފެމިލީގައި މިއަދު ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ކޮންމެ ޒަމާނެއްގައި ވެސް މުޖުތަމައު ބިނާކުރުމާއި ގައުމުގެ ތަރައްގީއަކީ އުމުރުންދުވަސްވީ އެމީހުން، އެމީހުންގެ ޒުވާން ދައުރުގައި ކޮށްދިން މަސައްކަތުގެ ހެއްކެއް ކަމަށެވެ.

"ހަޔާތުގެ ޒުވާން އުމުރުގައި ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު އުމުރުން ދުވަސްވުމުން އެމީހުންނަށް ބޭނުންވާ ހާއްސަ އަޅާލުމާއި އޯގާތެރިކަމާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ވެސް ޒިންމާއެއް،" މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.

މިއަދުގެ ޕްރޮގްރާމުގައި ރާއްޖޭގެ ހަ މީޑިއާއަކުން 10 ބައިވެރިން ބައިވެރިވެފައިވާ އިރު، ޕްރޮގްރާމުގައި ރާއްޖޭގެ ދޮށީއުމުރުގެ އާބާދީއަށް އޮތް ގޮންޖެހުންތަކާއި އުމުރުން ދޮށީއުމުރުގެ މީހުންގެ އާބާދީއަށް ކުރިއަށް އޮތް މުސްތަގްބަލުގައި ވާނޭ ގޮތުގެ މައުލޫމާތު ދީފައިވެ އެވެ.

ރަންވޭލާ ކެމްޕެއިންގެ ދަށުން ބ. އަތޮޅުގެ ހުރިހާ ރަށެއްގެ ސޯޝަލް ސާވިސް ވަރކަރުންނާއި ހެލްތް އޮފިސަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގާއިވާ އިރު، ބ އަތޮޅުގެ 4 ރަށެއްގައި އުމުރުންދުވަސްވީ މީހުންނަށް ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ވެސް ހިންގާފައިވެ އެވެ.