މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޅ. އަތޮޅު ބުރުގައި ނައިފަރުގެ ޒުވާން ޓީމު ފަސޭހަކަމާއެކު ކުރެންދޫ ބަލިކޮށްފިއެވެ.

ޅ. ނައިފަރުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ކުރެންދޫގެ މައްޗަށް ނައިފަރު ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ނައިފަރުން ކާމިޔާބުކުރި ލަނޑުތައް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 64 ވަނަ މިނެޓުގައި އަހްމަދު ސޮބާހް ނައިފަރަށް ލީޑު ނަގައިދިން އިރު، އޭގެ މިނެޓެއް ފަހުން ނައިފަރަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު އާދަމެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި ނައިފަރުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ މުހައްމަދެވެ.

ޅ. އަތޮޅު ބުރުގައި ވާދަކުރަނީ ވެސް ހަމައެކަނި ނައިފަރާއި ކުރެންދޫއެވެ. އެހެންކަމުން ދެ މެޗު ކުޅެ އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އަތޮޅު ޗެމްޕިއަންކަން ލިބޭނެއެވެ. ޅ. އަތޮޅުގެ ޗެމްޕިއަން ދެން ވާދަކުރާނީ ޒޯން ތިނެއްގެ ބުރުގައެވެ. ޅ. އަތޮޅުގެ ޗެމްޕިއަނުންގެ އިތުރުން ދެން އެ ބުރުގައި ވާދަކުރާނީ ރ. އަތޮޅުގެ ޗެމްޕިއަނުންނާއި ބ. އަތޮޅުގެ ޗެމްޕިއަނުންނެވެ.

ޅ. އަތޮޅު ބުރުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޅ. ކުރެންދޫގައެވެ. ކުރެންދުއާއި ނައިފަރު ބައްދަލުކުރާ އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައެވެ.