ދެހާސްބާރަ ވަނަ އަހަރު ޓްރާންސްޕޯޓް ނެޓްވާކްގެ ދަށުން ރެސިޑެންސީ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ދ. ވޮއްމުލީގައި ތަރައްގީ ކުރި "ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓް، މޯލްޑިވްސް" ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ.

މަތީފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ އެ ރިސޯޓް އޮޕަރޭޓް ކުރަނީ ރެސިޑެންސީ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. އަދި މެނޭޖްކުރަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ސްޓާވުޑް އޭޝިއާ ޕެސިފިކް ހޮޓެލްސް އެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓް، މޯލްޑިވްސް ގެ ލެގޫން ވިލާއެއް --- ފޮޓޯ/ ވޮއްމުލި ރިސޯޓް

އެއާޕޯޓުން ނައްޓާލައިގެން 40 މިނިޓުން ސީޕްލޭންއެއްގައި ދެވޭ މި ރިސޯޓުުގައި ގެސްޓުން ތިބުމަށް ޖުމްލަ 77 ވިލާ ހުރެއެވެ. އެ ވިލާތައް ޑިޒައިންކޮށްފައި ވަނީ ސިންގަޕޫރުގެ ވޯ އާކިޓެކްޓްސްގެ ފަރާތުންނެވެ. އެ ރިސޯޓުގައި ހަދާފައިވާ ހުރިހާ ލެގޫން ވިލާއެއް ޑިޒައިންކޮށްފައި ވަނީ މަންތާރޭއެއް ސިފަވާގޮތަށެވެ. ވޭލް ޝާކެއްގޮތަށް ސިގްނޭޗާބާ ޑިޒައިންކޮށްފައިވާ އިރު ލައިބްރަރީ އަދި ސްޕާތައް ވެސް ޑިޒައިންކޮށްފައި ވަނީ މޫދުގައިވާ އެކި ދިރުންތައް ސިފަވާގޮތަށެވެ.

އެ ރިސޯޓްގައި އެކި ގައުމުތަކުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓްތައް ހުރެއެވެ. އޭގެ ތެރޭގައި އޭޝިއާ ސަރަހައްދުގެ ހާއްސަ ކެއުންތަކުގެ ރެސްޓޯރެންޓަކާއި އިޓަލިއަން ރެސްޓޯރެންޓަކާއި އަންޑާގްރައުންޑް ވައިން ސެލާ ރެސްޓޯރެންޓެއްގެ އިތުރުން ދެ ރެސްޓޯރެންޓެއް ހުރެއެވެ.

ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓް، މޯލްޑިވްސް ގެ ބީޗް ވިލާއެއް --- ފޮޓޯ/ ވޮއްމުލި ރިސޯޓް

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މޯލްޑިވްސް ޑޮޓްކޮމް އިން ބުނީ އެ ރިސޯޓްގައި ހުންނަ ވިލާތަކަކީ ރާއްޖޭގައި ހުރި ވިލާތަކުގެ ނިސްބަތުން އެންމެ ސައިޒު ބޮޑު ވިލާތައް ކަމަށެވެ. އެގޮތުން 1540 ސްކޮޔާ މީޓަރު އެއިން ވިލާއެއްގައި ހަމަވާނެ ކަމަށް އެފަރާތުން ބުންޏެވެ.

ވިލާތަކުގެ ތެރޭގައި 92 މީޓަރު ޕޫލެއްގެ އިތުރުން ލިވިން ރޫމަކާއި މާސްޓާ ބެޑްރޫމަކާއި ޝޯކިޗަން އެއްގެ އިތުރުން ސްޕާ ރޫމަކާއި މިނީ ތިއޭޓަރަކާއި ފިޓްނަސް އޭރިއާއެއް ހިމެނެ އެވެ.