ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ނެގުމުގެ ހިދުމަތް ދިނުމަށް ކޮމްޕެކްޓް ޓްރަކާއި އިތުރު ވެހިކަލް ގެނައުމަށް ސްރީލަންކާގެ ކުންފުންޏަަކާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުނި ނެގުމުގެ ހިދުމަތަށް ބޭނުންކުރާނެ ވެހިކަލް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ އެކުގައެވެ.

އެ އެއްބަސްވުމުގައި ސެނޮކް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެކައުންޓެންޓް ޕްރަބަތު ރުވަމްޕޫރާ އެވެ. ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފުއާދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ ސެނޮކާ އެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން 10 ކޮމްޕެކްޓް ޓްރަކް ކުނި ނެގުމުގެ ހިދުމަތުގައި ބޭނުން ކުރުމަށް ގެންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން 20 ކޮންޓެއިނާ ޓްރަކާއި، 40 ޓްރައިސައިކަލް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތް ދިނުމަށް ވެހިކަލް ގެނައުމަށް ސެނޮކް ޓްރޭޑް ކޮމްބައިނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުވާދު ވާހަަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކުނީގެ ހިދުމަތަށް ގެންނަ ވެހިކަލް ތަކުގެ ތެރެއިން ކޮމްޕެކްޓް ޓްރަކް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކޮމާޝަލް ބިޒިނަސް ތަކަށާއި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހުންނަ ގޭބިސީތަކަށް ކަމަށް ވެމްކޯ އިން މައުލޫމާތު ދެއެވެ.

ފުއާދު ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ތިންމަސް ދުވަހުގެ ތެރޭގައި ވެހިކަލްތައް ސަޕްލައި ކޮށްދީފިނަމަ އެ ވެހިކަލް ތަކުގެ ހިދުމަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެހެން ނަމަވެސް ހިދުމަތް ފަށާނީ މާލެ ސަރަހައްދު ތަކަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ 12 ސަރަައްދަކަށް ބަހާލައިގެން މަސައްކަތްތައް ފަށްޓާނީ. މާލޭގަ އެއްފަހަރާ މަސައްކަތް އެއްފަހަރާ ފެށުމަކީ ތަންކޮޅެއް ޗެލެންޖިން ކަމަކަށް ވާނެތީވެ،" އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ވެމްކޯ އިން އެ ހިދުމަތް ދޭނީ މިހާރުވެސް ރައްޔިތުން އެ ހިދުމަތަށް ހަރަދު ކުރާ އަގުގައި ކަމަށެވެ. އެގޮތުން އަގުތައް އުޅޭނީ 100 ރުފިޔާ އާއި 200 ރުފިޔާއާ ދެމެދުގައި ކަމަށެވެ. ގޭގެ ތިރީގައި ކުނިއަޅާ ޑަސްބިނެއް ނުވަތަ އެކަމަށް ހާއްސަކޮށް ތަނެއް ކަނޑައެޅިފައިވާނަމަ ނަގާނީ 100 ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގޭގެ ދޮރާ ހިސާބުން ކުނި ކަލެކްޓް ކުރާނަމަ 150 ރުފިޔާ ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ގެންނަ ވެހިކަލް ތަކަކީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ މިންގަނޑުތަކަށް ފެތޭ ވެހިކަލް ތަކެއް ކަމަށާއި، ހުރިހާ ވެހިކަލް ތަކަކީވެސް ބަންދު ކުރެވިފައި ހުންނަ ވެހިކަލަށް ވުމުން ވެށި ސާފުތާހިރުކޮށް ބޭއްވުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެމްކޯއިން ބުނެ އެވެ.