މިރޭ އެޕަލް ކުންފުނީގެ މިއަހަރުގެ އާ ޕްރޮޑަކްޓްތައް ލޯންޗު ކުރުމަށް ބާއްވާ އިވެންޓު އޮންނާނެއެވެ. ރާއްޖެ ގަޑިން 10:00ގައެވެ.

މި އިވެންޓުގައި އެންމެ ފަހުގެ އައިފޯން، އައިފޯން 7 އަދި އައިފޯން 7 ޕްލަސް ދައްކާލާނެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުން، އާ މެކްބުކް ޕްރޯއަކާއި އެޕަލް ވޮޗް އަތުކުރި ގަޑީގެ އާ ވާޝަނެއް ވެސް ދައްކާލާނެއެވެ.

ވަގުތު ކުޑަތަން ވެފައިވާ އިރު، އެކި ފަރާތްތަކުން ވަރަށް ގިނަ ވާހަކަ އެބަ ދައްކައެވެ. ސްޕެކިއުލޭޝަންތަކުން އިންޓަނެޓާއި ސޯޝަލް ނެޓްވޯކްތައް ވެސް ފުރިއްޖެއެވެ.

ފެތުރެމުންދާ މައިގަނޑު ވާހަކަތައް:

  1. އައިފޯން 7 އަދި އައިފޯން 7 ޕްލަސްގައި ހެޑްފޯން ޖެކެއް ނުހުންނާނެ. އެ ފޯނުތަކުގެ ހެޑުފޯން ޖަހަން ޖެހޭނީ ޗާޖަރު ޖަހާ ލައިޓްނިންގް ޕޯޓަށް. ނުވަތަ ހެޑްފޯންތައް ވަޔަރލެސް ވާނެ.

  2. އައިފޯން 7 ޕްލަސް ގައި ޑުއަލް ކެމެރާ. މާނައަކީ، ކެމެރާގައި ދެ ލެންސް ހުންނާނެ. ގިނަ ބަޔަކު ބުނާ ގޮތުގައި، އެޕަލްގެ މިރޭގެ އިވެންޓުގެ ދައުވަތު ކާޑުގައި ހުރި ބޮކޭ ލައިޓްތަކުގެ ތެރެއިން ހުދު ކުލައިގެ ދެ ވަށް ބުރު ކައިރި ކައިރީގައި ހުރި ހުރުމުން ދޭހަކޮށްދެނީ، ޕްރޮޑަކްޓެއްގައި ހުންނަ ޑުއަލް ލެންސް ކެމެރާ.
  3. ފަސް ކުލައަކުން ފޯނުތައް އަންނާނެ ކަމަށް ބެލެވޭ. ކަޅު ކުލައިގެ ދެ ޝޭޑެއް ވެސް ހިމެނޭނެ.
  4. ފޯނުގައި ހުންނަ ހޯމް ބަޓަން ހުންނާނީ ފޯނުގެ ސްކްރީނާ އެއްވަރަށް. ވަކިން ބަޓަންއެއް ނީންނާނެ ކަމަށް ބެލެވޭ. އޭގެ ބަދަލުގައި އެ ބަޓަން މަސައްކަތް ކުރާނީ ޕްރެޝަރ ސެންސިޓިވްކޮށް. މި ބަދަލު ގެނައީ، ބައެއް އައިފޯންތަކުގައި ހޯމް ބަޓަންގައި މައްސަލަ ޖެހޭ ޝަކުވާ ގިނަވެ، އެ މައްސަލަ ބޮޑުވުމުން ކަމަށް ބެލެވޭ.
  5. ކުރީގެ އޭ9 ޕްރޮސެސަރ ޗިޕަށް ވުރެ ދެ ގުނަ ހަލުވި އޭ10 ޗިޕް ހިމަނާފައި ވާނެ.
  6. އައިފޯން 7ގައި 4.7 އިންޗީގެ ސްކްރީނެއް، އަދި އައިފޯން 7 ޕްލަސްގައި 5.5 އިންޗީގެ ސްކްރީނެއް.

މީގެ އިތުރުން، މިއަދު އެޕަލް ވޮޗް 2 ވެސް މިރޭ ދައްކާލާނެ ކަމަށް އަޑު ފެތުރިފައިވެއެވެ. މި ގަޑީގައި ޖީޕީއެސް ކަނެކްޓިވިޓީއާއި، ކުރިޔަށް ވުރެ ހަލުއި ޕްރޮސެސަރަކާއި ރަނގަޅު ބެޓެރީއެއް ހިމެނޭނެ ކަމަށް ބެލެވެއެވެ.