ރާއްޖެއާ ގުޅޭ ގޮތުން އަލްޖަޒީރާ އިން މިއަދު އާންމުކުރި "ސްޓީލިންގް ޕެރެޑައިސް" ޑޮކިއުމެންޓްރީ އަށް އެ މީޑިއާ އިން ހޯދާފައިވާ ހުރިހާ ހެކިތަކާއި ގަރީނާތައް ފުލުހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ސަރުކާރުން އެދިއްޖެ އެވެ.

އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުން ތައްޔާރުކޮށްފައިވާ "ސްޓީލިން ޕެރަޑައިސް" ރިޕޯޓާ ގުޅޭ ގޮތުން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ، ރިޕޯޓުގައި ކޮށްފައިވާ ތުހުމަތުތަކާ މެދު ދިވެހި ސަރުކާރުން ހިތާމަކޮށް އެ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ރިޕޯޓަރުން އަމަލު ކޮށްފައިވާ ގޮތާމެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން، ރިޕޯޓުގައިވާ ތުހުމަތުތަކަކީ މީގެ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)ގެ މައްޗަށް ދައުލަތުގެ މުއައްސަސާތަކުން ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ފާހަގަކޮށް، ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު ކަމާ ގުޅޭ ބައެއް މައްސަލަތަކުގައި މިހާރު ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

"މި މައްސަލާގައި ލިބިފައިވާ މައުލޫމާތުގެ މައްޗަށް ގިނަ ބަޔަކު ހޯދުމަށް އިއުލާނުކުރެވިފައިވާ މީހުން ވަނީ ރާއްޖެ ދޫކޮށް ގޮސްފައިކަމާއި އަދި މިފަދަ ބަޔަކު މި ޕްރޮގްރާމްގައި މައުލޫމާތު ދޭ މައުސޫމް ބައެއްގެ ގޮތުގައި ދައްކާފައި ވާތީ އެކަމާ ސަރުކާރުން ކަންބޮޑުވެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖިނާއީ ތުހުމަތެއްގައި ތަހުގީގުއްކުރިޔަށް ދަނިކޮށް އެފަދަ ޕްރޮގްރާމެއް އާންމުކުރުމަކީ ތަހުގީގަށް ހުރަސްތަކެއް އެޅުން، އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން އަލްޖަޒީރާ އިން ހޯދާފައިވާ ހުރިހާ ހެއްކާއި ގަރީނާއެއް ފުލުހަށާއި އޭސީސީގެ ތަހުގީގުތަކުގައި ބޭނުންކުރުމަށް ޓަކައި އެ ދެ މުއައްސަސާއަށް ހުށަހެޅުމަށް އަލްޖަޒީރާގެ ފަރާތުން ސަރުކާރުން ވަނީ އެދިފަ އެވެ.

ސަރުކާރުން ބުނީ، އަލްޖަޒީރާއިން ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ތެދު އަދި ހަމަހަމަ ޖަވާބެއް ދިނުމުގެ ފުރުސަތަކަށް ސަރުކާރުން އެދިފައިވަނިކޮށް، އެކަށީގެންވާ ފުރުސަތެއްނުދީ އެ ޕްރޮގްރާމް އާންމުކުރުމުން، އަލްޖަޒީރާގެ ރިޕޯޓަކީ ދިވެހި ސަރުކާރު ބަދުނާމު ކުރުމަށާއި ސަރުކާރުގެ އިސްވެރިންގެ ނަމާއި އަބުރަށް ގެއްލުން ދިނުމަށް ހެދި ރިޕޯޓެއްކަން ފާހަގަވާ ކަމަށެވެ.

މީގެ އިތުރުން، އެ ރިޕޯޓަކީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ބޭނުމުގައި ހަދާފައިވާ ރިޕޯޓެއްކަމަށާއި ބުނެ ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ އެ ރިޕޯޓަކީ ހަބަރާއި ރިޕޯޓު އެކުލަވައިލުމުގެ ބައިނަލްއަގުވާމީ އުސޫލުތަކާއި ގާނޫނީ ހަމަތަކާ ހިލާފަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށް ބުނެފަ އެވެ.

ދިވެހި ސަރުކާރުން ގަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށެވެ.

ނަމަވެސް، ނޫސްވެރިންނަކީ ވަކި އަހުލާގީ އަދި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާންޖެހޭ ބައެއްކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާތީ އެ މައްސަލައިގައި މި މިންގަނޑުތަކަށް ތަބާވެފައިނުވާކަން ވެސް ފާހަގަކުރަމެވެ.