08 Sep 2016, 13:24
ޗަންދިގަރު (ސެޕްޓެމްބަރު 8): އިންޑިއާގެ ހަރްޔާނާ ސްޓޭޓުގައި ވިއްކާ ބިރިޔާނީ އަށް ގެރިމަސް އަޅާތޯ ބަލަން އެސްޓޭޓުގެ ފުލުހުން ޗެކް ކުރަން ފަށައިފި އެވެ.
ބިރިޔާނީގައި ގެރިމަސް ހުރިތޯ ބެލުމަށް، ވެޓެރިނޭރިއަނެއްގެ އެހީ ހޯދާނެ ކަމަށް ހަރްޔާނާ ކައު ސާވިސް ކޮމިޝަންގެ ޗެއާމަން، ބާނީ ރާމް މަންގްލާ ވިދާޅުވި އެވެ.
"ހަރްޔާނާގެ މިވަތް ޑިސްޓުރިކުޓުގައި ކައްކާ ބިރިޔާނީ އަށް ގެރިމަސް އަޅާ ކަމަށް ބުނެ އަޅުގަނޑުމެންނަށް ގިނަ ޝަކުވާތައް ލިބިފައިވޭ. އެހެންކަމުން އެސަރަހައްދުގައި ވިއްކާ ބިރިޔާނީ ޗެކް ކުރުމަށް އަޅުގަނޑު ވަނީ ފުލުހުންނަށް އަންގާފައި،" މަންގްލާ ވިދާޅުވި އެވެ.
މިވަތް ބާ އެސޯސިއޭޝަނުގެ މެމްބަރެއް ކަމަށްވާ ނޫރުއްދީން ނޫރު ވިދާޅުވި ގޮތުގައި އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ.
"އަޅުގަނޑުމެންގެ ޑިސްޓުރިކްޓުގައި ބިރިޔާނީ ވިއްކާތާ އެތައް އަހަރެއް ވެއްޖެ. އެމީހުން ބިރިޔާނީ އަށް ދުވަހަކު ވެސް ގެރިމަސް އަޅާފައި ނުވޭ. ނަމަވެސް ބިރިޔާނީ ޗެކް ކުރަން ފުލުހުން ބޭނުން ނަމަ އަޅުގަނޑުމެންގެ މައްސަލައެއް ނެތް،" ނޫރުއްދީން ވިދާޅުވި އެވެ.
ގެރި މަސް ކެއުން މަނާ ކޮށްފައިވާ ހަރްޔާނާގައި ގެރި ކަތިލުން ހުއްޓުވުމަށް ހާއްސަ ޓާސްކް ފޯސްއެއް ހަދާފައިވެ އެވެ. އަދި ގެރި ކަތިލާތޯ ބަލަން ތަމްރީނުކޮށްފައިވާ ދަރުމަވެރިން ވެސް ތިބެ އެވެ. (ބީބީސީ)