އިންޑިއާގެ މެލޮޑީ ކުއީން އާޝާ ބޯސްލޭގެ ހަޔާތުގެ މައްޗަށް އުފައްދަން ނިންމާފައިވާ ފިލްމުގައި އާޝާގެ ރޯލު ކުޅެން އެންމެ ރަނގަޅު ވާނީ ޕްރިޔަންކާ ޗޯޕްޅާ ކަމަށް އޭނާ ބުނެފި އެވެ.

އާޝާގެ 83 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް އިއްޔެ ބޭއްވި "ޓައިމްލެސް އާޝާ" އިވެންޓުގައި ވާހަކަ ދައްކަމުން އާޝާ ބުނީ ޕްރިޔަންކާ އަކީ ލަވަކިޔުންތެރިއަކަށް ވުމުން، ލަވަކިޔުންތެރިއެއްގެ ރޯލު ކުޅެން ރަނގަޅު ވާނެ ކަމަށެވެ.

"އަހަރެންގެ ރޯލު ދައްކުވައިދޭން އެންމެ ރަނގަޅު ޗޮއިސް އަކަށް ވާނީ ޕްރިޔަންކާ. އެއީ އޭނާ އަކީ ލަވަކިޔުންތެރިއަކަށް ވުމުން. ލަވަކިޔުންތެރިޔަކަށް ވަރަށް ރަނގަޅަށް ލަވަކިޔުންތެރިއެއްގެ ރޯލު އަދާކުރެވޭނެ،" އާޝާ ބުންޏެވެ.

އޮޓޯބަޔޮގްރަފީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާޝާ ބުނީ، މިހާރު އޮޓޯބަޔޮގްރަފީ އެއްކޮށް ލިޔެ ނިމިފައިވާ ކަމަށެވެ.

އިވެންޓުގައި ވާހަކަ ދައްކަމުން އާޝާ ބުނީ އޭނާގެ ފިރިމީހާ އަދި ލެޖެންޑަރީ މިއުޒިކް ކޮމްޕޯޒަރު އާރްޑީ ބާރމަންގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަން ޖެހޭ ކަމަށެވެ.

"އޭރުން އޭނާގެ ރިލީޒް ނުވެ ހުރި ލަވަތަކާއި ހަނދާން ނެތިފައި ހުރި މިއުޒިކް މީހުންނަށް އަލުން އިވިގެންދާނީ،" އާޝާ ބުންޏެވެ.

އިއްޔެގެ އިވެންޓުގައި އާޝާ ވަނީ އޭނާގެ އުފަންދުވަހާ ގުޅިފައިވާ ކުޑައިރުގެ ހަނދާންތަކާއި ކައިވެނީގެ ހަނދާންތައް ހިއްސާކޮށްފައެވެ. އަދި ކޮންމެ ދުވަހަކީ ވެސް އޭނާ އަށް އުފަންދުވަހެއް ކަމަށް ވެސް ބުނެފައިވެ އެވެ.