ހެޔޮގޮތުގައި ވެވުނު ހައްޖެއްކަމުގެ އަލާމާތަކީ ހައްޖުވުމަށްފަހު ދިރިއުޅުން ހެޔޮމަގަށް ބަދަލުވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހެޔޮގޮތުގައި ވެވޭ ހައްޖުގެ މައްޗަށް މިއަދު ދިން ހުތުބާގައި ބުނެފައިވަނީ، ހައްޖަކީ ހެޔޮގޮތުގައި ވެވޭ ހައްޖެއްކަމުގައި ވުމަށްޓަކާ ހައްޖަށް ދިއުމުގެ ކުރީގައި ވެސް ތިމާ ކުރަންޖެހޭ ކަންތައްތަކެއްވާ ކަމަށެވެ.

އެގޮތުން، ތިމާގެ ދަރަންޏާއި ލިބެންހުރި ތަކެތި ލިޔެ ސޮއިކޮށް ހެދުމާއި އިހްލާސްތެރި ތައުބާއަކުން ތައުބާވެ، ހައްޖު ވުމަށްޓަކާ ކުރަންޖެހޭ ހަރަރުތަކާއި އާންމުކޮށް ދިރިއުޅުމުގައި ހުރިހާ މައިދާނެއްގައި ވެސް ކުރާ ހަރަދުތަކަކީ ހަލާލު ގޮތުގައި ހޯދާފައިވާ މުދަލާއި ފައިސާއިންކުރާ ހަރަދުތަކެއް ކަމުގައި ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ހެޔޮގޮތުގައި ވެވުނު ހައްޖެއްކަމުގެ އަލާމާތް ތަކުގެ މައްޗަށް އިޝާރާތްކުރައްވާ ހުތުބާގައި ބުނެފައިވަނީ ހައްޖުވުމަށްފަހު ތިމާގެ ދިރިއުޅުން މާތް ﷲ މަނާކުރެއްވި ކަންތަކުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ވޭތުކުރަމުން ދާންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން މާތް ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހެއްކަމުގައި ތިމާ ވާންޖެހޭނެ ކަމުގައި ވެސް ބުނެފައިވެ އެވެ.

ހައްޖުގެ ކަންތައްތަކުގެ އިތުރުން މިއަދުގެ ހުކުރު ހުތުބާގައި މާތްﷲ ގެ ހަޒްރަތުގައި މަގްބޫލުވެގެންވާ އަޅުކަމެއް ކުރުމުގެ މުހިއްމުކަމާއި މާތްކަމުގެ މައްޗަށް ވެސް ނަސޭހަތްތެރިވެފައިވެ އެވެ.

އެގޮތުން، މާތްﷲ ގެ ހަޒްރަތުގައި މަގްބޫލުވެގެންވާ އަޅުކަމެއް ކަމުގައި ކޮންމެ އަޅުކަމެއްވެސް ވެގެންދާހުށީ އެ އަޅުކަމެއްގައި ފުރިހަމަ ކުރަންޖެހޭ ޝަރުތު ތަކެއް ފުރިހަމަ ވެގެން ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، ދެއްކުންތެރި ކަމުން ތާހިރުވެ، މާތް ﷲ އަށްޓަކާ އިހުލާސްތެރި ކަމާއެކު ކުރާ ކަމެއްކަމުގައި ތިމާގެ ކޮންމެ އަމަލެއް ވުމަކީ ވެސް ވާޖިބެއް ކަމަށް ވިސްނުމަށް ހުތުބާގައި ނަސޭހަތްދެއްވާފައިވެ އެވެ.