ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ގޮސްފި އެވެ. ދިވެހިންނާ އެކު ދެ މިލިއަނެއްހާ ހައްޖުވެރިން ވަނީ އަރަފާތު ބިމަށް ޖަމާވެފަ އެވެ.

ޙައްޖުގެ އެންމެ މަތިވެރި ރުކުނަކީ އަރަފާތު ދުވަހު އެ ބިމުގައި ހުރުމެވެ. އެކަން ފާއިތުވެއްޖެ މީހަކަށް ޙައްޖެއް ނުލިބޭނެ އެވެ. ޙައްޖު ދުވަހު އިރުމެދުން ލެނބީއްސުރެ ދިހަ ވަނަ ދުވަހު ފަޖްރުލުމާ ދެމެދު ކިތަންމެ ކުޑަވަގުތު ކޮޅަކު ހުރެވުނަސް އެ ރުކުން ފުރިހަމަވާނެ އެވެ. ދުވާލު ވަގުތުގައި ޢަރަފާތްބިމަށް އާދެވުނުނަމަ އިރުއޮއްސެންދެން އެ ބިމުގައި ހުންނަން ޖެހެ އެވެ.

ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ދިޔަ 2000 ދިވެހި ހައްޖުވެރިންގެ ތެރެއިން، 1000 ހައްޖުވެރިންނާ ހަވާލުވެގެން ދިޔަ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް "ސަން"އަށް މިއަދު ވިދާޅުވީ އެ ކޯޕަރޭޝަންގެ ހުރިހާ ހައްޖާޖީން ވެސް ތިބީ އަރަފާތު ބިމުގައި ކަމަށެވެ.

"އަލްހަމްދުލިއްލާހް. ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު،" ޔާމީން ވިދާޅުވި އެވެ.

އަލް ހަރަމައިންގެ ހައްޖުވެރިން އަރަފާތު ބިމުގައި: ދިވެހި ހުރިހާ ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި-- ފޮޓޯ/ މުހައްމަދު އަފްސަލް

ދިވެހި ހައްޖު ކުންފުނިތަކުގެ ތެރެއިން އެއްވެސް ގްރޫޕަކުން އަރަފާތަށް ނާދެވިއުޅޭ ކަމުގެ ޚަބަރެއް ލިބުނުތޯ ސުވާލު ދެންނެވުމުން ޔާމީން ވިދާޅުވީ އެފަދަ ހަބަރެއް ނުލިބޭ ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުރި ޕީއެސްއެމްގެ އެޑިޓަރު މުހައްމަދު އަފްސަލް ވިދާޅުވީ ދިވެހި ހުރިހާ ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި ކަމަށާއި ހުރިހާ ދިވެހި ހައްޖާޖީން ވެސް އަޅުކަމުގައި ޝާމިލުވެ، އަވަދިނެތި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަރަފާތު ދުވަހު ހައްޖުވެރިން އަވަދިނެތި އުޅެންޖެހޭނީ ޤުރުއާން ކިޔެވުމުގައްޔާއި ދުޢާކުރުމާއި ތައުބާވުމާއި ޚުޝޫޢަތްތެރި ކަމުގަ އެވެ.