އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ސްވަންސީ ސިޓީގެ ކުޅުންތެރިން ޗެލްސީގެ ފޯވަޑް ޑިއޭގޯ ކޮސްޓާ އަށް ގިނަ ހަމަލާތަކެއް ދިން ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ރަށުން ބޭރުގައި ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅެ 2-2 ލަނޑުން އެއްވަރުވި މެޗުގައި ރެފްރީ އަންދްރޭ މަރީނާގެ ނިންމުންތައް އެންމެ ރަނގަޅު ނޫން ކަމަށް ޗެލްސީގެ ކޯޗު ކޮންޓޭ ދެކެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ސްވަންސީ ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެލްސީގެ ޑިއެގޯ ކޮސްޓާ އުފާފާޅުކުރަނީ: ސްވަންސީ އަތުން 2-2 ލަނޑުން ޗެލްސީ އެއްވަރުވި މެޗުގައި ކޮސްޓާގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔަ --- ފޮޓޯ: އޭޕީ

ސްވަންސީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހައިދީފައި ވަނީ އެ ޓީމުގެ ސްޕެއިން ފޯވަޑް ކޮސްޓާ އެވެ. އޭނާގެ ފަރާތުން މި ސީޒަނުގައި މިހާތަނަށް ރަނގަޅު ކުޅުމެއް ފެނިފައިވެ އެވެ.

"މެޗު ފެށިގެން މެޗު ނިމެންދެން ސްވަންސީގެ ކުޅުންތެރިން ކޮސްޓާ އަށް ގިނަ ހަމަލާތަކެއް ދިން. އެކަމަކު އެ ޓީމުގެ އެއްވެސް ޑިފެންޑަރެއް ރަތް ކާޑަކާ އެކު ދަނޑުން ފޮނުވާލައިފައެއް ނުވޭ،" ޗެލްސީގެ ކޯޗު ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ، ނޫސްވެރިން ކޮންމެ ދުވަހަކު ވެސް ކޮސްޓާއާ ބެހޭ ގޮތުން ސުވާލުކުރާ ކަމަށާއި ސްވަންސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮސްޓާގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.