ސައުދީ އަރަބިއްޔާގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ސައިމަން ކޮލިސް ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރައްވައިފި އެވެ.

ސައުދީގެ އިނގިރޭސި ސަފީރު ސައިމަން ކޮލިސްއަކީ މީގެ ކުރިން އަރަބި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އިނގިރޭސި ވިލާތުގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އިސްލާމްދީން ގަބޫލު ކުރެއްވީ މި އަހަރުގެ ތެރޭގައެވެ.

އޭނާއަކީ ސައުދީގައި ހައްޖު ކުރެއްވި ފުރަތަމަ އިނގިރޭސި ސަފީރު ވެސް މެއެވެ. ސައިމަން ހައްޖުގެ އަޅުކަން އަދާކުރެއްވީ އޭނާގެ އަނބިކަނބަލުން ހުދާ މުޖަރްކަޝްއާ އެކުގައެވެ.

އިނގިރޭސި ފޮރިން ސާވިސްއާ ސައިމަން ގުޅިވަޑައިގަތީ 1978 ވަނަ އަހަރު، އަރަބި ބަސް ދަސްކުރެއްވުމަށްފަހު އެވެ. މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގެ އިނގިރޭސި ޑިޕްލޮމެޓިކް މިޝަންތަނުގެ އެކި މަގާމުތައް އަދާކުރެއްވުމަށްފަހު، ސަފީރެއްގެ މަގާމަށް ފުރަތަމަ އައްޔަނުވީ 2005 ވަނަ އަހަރު، ގަތަރަށް ކަނޑައެޅުއްވި އިނގިރޭސި ސަފީރުގެ ގޮތުގައެވެ.

އޭގެ ފަހުން ސީރިއާއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރުގެ ގޮތުގައި ހަ އަހަރު، އަދި އިރާގަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރުގެ ގޮތުގައި ދެ އަހަރު ހޭދަ ކުރެއްވުމަށް ފަހު ސައުދީ އަރަބިއްޔާގެ އިނގިރޭސި ޑިޕްލޮމެޓިކް މިޝަންގެ ސަފީރުގެ ގޮތުގައި އޭނާ އައްޔަނުވެގެން ދިޔައީ 2015 ވަނަ އަހަރުގެ ކުރީކޮޅު އެވެ.