ލަންޑަން(ސެޕްޓެމްބަރު 14): ލީބިޔާގެ ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީގެ ސަރުކާރު ވައްޓާލުމުގެ ސަބަބުން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރު ގަދަ ވުމަށް މަގުފަހިވި ކަމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ނެރުނު ރިޕޯޓަކުން ބުނެފި އެވެ.

މާޗް 2011ގައި އިނގިރޭސިވިލާތާއި ފްރާންސުން ގުޅިގެން ލީބިޔާ ސަރުކާރާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ފެށީ އޭރު ލީބިޔާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ބެންގާޒީއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ގައްޒާފީގެ ސަރުކާރުން ދިނުމުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާސް ކޮމިޓީން އެކުލަވާލި ރިޕޯޓެއްގައިވާ ގޮތުން އިނގިރޭސިވިލާތުގައި އޭރު އޮތް، ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ސަރުކާރުން ލީބިޔާގެ ސަރުކާރާ ދެކޮޅަށް ހަމަލާ ދޭން ނިންމީ އެކަމާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް މައުލޫމާތު ނުހޯދައެވެ. އަދި ފްރާންސާއި ގުޅިގެން އިނގިރޭސިވިލާތުން ލީބިޔާގެ ސަރުކާރު ވައްޓާލުމަށް އެހީތެރިވެފައި ވަނީ ސަރުކާރު ވެއްޓުމުން ލީބިޔާއަށް ވާނެ ގޮތަކާ މެދު ނުވިސްނައެވެ.

ލީބިޔާގައި އޮތް ގައްޒާފީގެ ސަރުކާރު ވެއްޓުމުން އެގައުމުގައި ހަމަނުޖެހުންތައް އިތުރުވި އެވެ. އަދި ގައުމުގައި އިދިކޮޅު ސަރުކާރުތައް އުފެދި، ގައުމުގެ ސަރަހައްދުތަކަށް އައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން އަތްގަދަ ކުރަން ފެށި އެވެ.

"ލީބިޔާގައި ކުރިއަށް ދިޔަ ސަރުކާރާ އިދިކޮޅު މުޒާހަރާތަކާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރުން ފުރިހަމަ ތަހުގީގެއް ކުރިކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް. (ގައްޒާފީގެ ސަރުކާރު ވެއްޓުމަށް ފަހު) ސަރުކާރަށް ތާއިދު ކުރި ފަރާތްތަކުން ބޭނުން ކުރި ހަތިޔާރު ރައްކާކުރުމަށް އެސަރުކާރު ވައްޓާލި ބައިނަލްއަގުވާމީ ފަރާތްތަކަށް ނުކުޅެދުމުން، އުތުރު އަދި ހުޅަނގު އެފްރިކާ އާއި މެދުއިރުމަތީގައި ޓެރަރިޒަމް އިތުރުވުމަށް މަގުފަހިވި،" ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން، ގައްޒާފީގެ ސަރުކާރު ވައްޓާލުމުގެ ސަބަބުން ހަނގުރާމަވެރި ޖަމާއަތްތަކުން އެކަމުގެ ފައިދާ ނަގާފާނެ ކަމާ މެދު އިނގިރޭސި ސަރުކާރުން ވިސްނާފައި ނުވާ ކަމަށްވެސް ކޮމިޓީގެ މެމްބަރުން ބުންޏެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ވަނީ ލީބިޔާގެ މައްސަލައިގައި އިނގިރޭސިވިލާތުން އެޅި ފިޔަވަޅުތައް ދިފާއުކޮށްފައެވެ. އަދި ބައިނަލްއަގުވާމީ ދުނިޔޭގެ ތާއިދު އޮތް ލީބިޔާގެ ގަވަމެންޓް އޮފް ނެޝަނަލް އެކޯޑަށް އިނގިރޭސިވިލާތުން އެހީތެރިވަމުންދާނެ ކަމަށް ބުނެފައެވެ. (ބީބީސީ)