ދިވެހިރާއްޖެއަކީ ފުރިހަމަ ޑިމޮކްރަސީއަކަށް ވުމަށްޓަކައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރަން ޖެހޭ ކަމަށާއި، ގާނޫނުތަކުން ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި އެ ކޮމިޝަނުން ބުނީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސަކީ އިންސާނީ ހައްގުތައް ކަމަށެވެ.

"ޑިމޮކްރަސީއެއްގައި އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް އިޙްތިރާމްކުރުމާއެކު، ޤާނޫނުތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ،" އެ ބަޔާނުގައި ބުނެ އެވެ.

އެޗްއާރުސީއެމްއިން ބުނީ، ރައްޔިތުންގެ ބައިވެރިވުމާ އެކު އިންތިޚާބުކުރާ ސަރުކާރަކާއި ގާނޫނީ ވެރިކަމަށް އިހްތިރާމް ކުރުމާ އެކު، ދައުލަތުގެ ބާރުތައް ވަކިވުމަކީ ޑިމޮކްރަސީ ހަރުދަނާވެ، އިންސާނީ ހައްގުތަކަށް ކުރިއެރުން ލިބޭ ކަންކަން ކަމަށެވެ.

"މިނިވަން މުސްތަޤިއްލު ޝަރުޢީ ނިޒާމެއް ޤާއިމްވެފައި އޮތުމާއި، ދެފުށްފެންނަ ސިޔާސަތުތަކާއި، ރައްޔިތުންނަށް ޖަވާބުދާރީވުންފަދަ ސިފަތައް ހަރުދަނާ ޑިމޮކްރަސީއެއްގައި ހިމެނެންޖެހޭ،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

އެޗްއާރުސީއެމްއިން ބުނީ، އެފަދަ ނިޒާމެއް ގާއިމުކުރުމަށް މީޑިއާގެ ދައުރުވެސް ވަރަށް ބޮޑު ކަމަށެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ބުނީ، މި އަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރު ކަމުގައިވާ "ޑިމޮކްރަސީއާއި 2030 އަށް އަމާޒުކުރާ ދެމެހެއްޓެނެވި ތަރައްގީގެ އެޖެންޑާ" އަކީ، ސާސްކަފުގެ ލަނޑުދަނޑިތަކުގެ ތެރެއިން 17 ވަނަ ލަނޑުދަނޑީގައިވާ ކަންކަން ހާސިލު ކުރުން ކަމުގައިވާ އިރު، އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ކުޑަކުދިން ރައްކާތެރިކުރުމާއި، އަމާން މުޖުތަމަޢެއް ގާއިމުކުރުމާއި، އިންސާފު ހޯދައިދިނުމާއި ދެފުށް ފެންނަ ސިޔާސަތުތަކާއި ޖަވާބުދާރީ ވަނިވި މުއައްސަސާތަކެއް ތަރައްގީ ކުރުމާއި، ކޮރަޕްޝަނާއި ރޭވިގެން ހިންގޭ ޖަރީމާތަކާ ދެކޮޅަށް މަސައްކަތް ކުރުން ފަދަ ކަންކަން ކުރަންޖެހޭ ކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމަށް މަގުފަހިކޮށްދިނުމާއި ތަފާތުކުރުން ނައްތާލުމަށް ބޭނުންވާ ގާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލަން ޖެހޭ ކަމަށް ވެސް އެޗްއާރުސީއެމްއިން ބުންޏެވެ.

"ދިވެހިރާއްޖެއަކީ ފުރިހަމަ ޑިމޮކްރަސީއެއް އޮންނަ ޤައުމަކަށް ހެދުމަށްޓަކައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް އެންމެން ގުޅިގެން ޤައުމުގެ ހެވާއިލާބައަށް މަސައްކަތް ކުރުމަކީ މުހިންމުކަމެއް،" އެޗްއާރުސީއެމްއިން ބުނެ އެވެ.