17 Sep 2016, 15:25
ގެމަނަފުށީ ސްޕޯޓްސް ކުލަބް (ޖީއެސްސީ) އިން އިންތިޒާމް ކޮށްގެން ބޭއްވި ތިންވަނަ އެކްސްއެކްސްއެލް ޖީއެސްސީ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން، ނިލަންދޫ އެންއެސް ރޯމާއިން ހޯދައިފިއެވެ.
އިއްޔެ ހަވީރު ގެމަނަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު އެންއެސް ރޯމާ އިން ކާމިޔާބުކުރީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން، ކޮނޑޭ ބަފާނާ 2-1ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.
އެންއެސް ރޯމާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ތާއިމާއި އެފްސީ 1-4ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.
ފައިނަލްގެ ފަހު ޖާގަ ބަފާނާ ހޯދީ ސެމީ ފައިނަލް ދެވަނަ މެޗު 2-1ގެ ނަތީޖާ އަކުން ގެމަސީޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންއެސް ރޯމާގެ ހަސަން އިރުފާން އެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ބާފާނާ ޓީމްގެ މުހައްމަދު ސަލްމާން އެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ބަފާނާގެ ޖަމްޝާދު ރަމީޒް އާއި މުހައްމަދު އިމްތިޔާޒް އަހުމަދު އާއި މުހައްމަދު ސަލްމާން އާއި އެންއެސް ރޯމާގެ ހަސަން އިބްރާހިމްގެ އިތުރުން ފަރްހާދު ރަޝީދު އެވެ.