18 Sep 2016, 12:20
ޕެޕް ގާޑިއޯލާ އިރުޝާދު ދިން ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅީ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ކަމަށާއި އޭނާ އާއި ޖެހިގެން ދެވަނާގައި ހުރީ މެންޗަސްޓާ ސިޓީގެ ފޯވާޑް ކެވިން ޑިބްރޭނާ ކަމަށް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ޑިބްރޭނާ ކާމިޔާބް ކޮށްދިން ގޯލާ އެކު4-0 ގެ ނަތީޖާ އަކުން ބޯންމައުތު އަތުން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ޑިބްރޭނާ އަކީ އާދައިގެ ކުޅުންތެރިއެއް ނޫން ކަމަށާއި އާނާ އަކީ ބޯޅަ އަމިއްލަ އިން ހޯދައިގެން ވެސް އެޓޭކް ކުރަން ދެވަނައެއް ނެތް ފަދަ މޮޅު ކުޅުންތެރިއެއް ކަމަށެވެ.
"ޑިބްރޭނާ އަށް ވުރެން މޮޅު ކުޅުންތެރިއަކަށް އަހަރެންނާ ދިމާވީ މެސީ އެކަނި. މަސީ އަކީ އެއްވެސް ސައްކެއްނެތް ގޮތުގައި ދުނިޔޭގެ ވެސް އެއްވަނަ. އޭނާ އާއި ވާދަކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެއް ދުނީޔޭގައި ވެސް ނެތް،" ބާސެލޯނާގައި ޒަވީ އާއި އިނިއެސްޓާ އަދި ބަޔާން މިއުނިކްގައި ރޮބެން އާއި މުލާ ފަދަ ކުޅުންތެރިންނަށް އިރުޝާދު ދިން ގާޑިއޯލާ ބުންޏެވެ.
ޑިބްރޭނާ ވަނީ ސިޓީއަށް ކުޅެދިން 48 މެޗުގައި 18 ގޯލް ކާމިޔާބުކޮށް 16 އެސިސްޓް ހަދައިފަ އެވެ. އޭނާ ވަނީ ސިޓީއިން އެންމެ ފަހުން ހޯދި އަށް މޮޅުގައި ވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ.
"އިނގިރޭސި ލީގްގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ޑިބްރޭނާ. ނަމަވެސް އެ މަގާމް ދަމަހައްޓަން އިބަ ޖެހޭ ޓްރޮފީތައް ވެސް ކާމިޔާބުކުރަން. އަދި އަމިއްލަ ރިކޯޑް ތައްވެސް މުގުރަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.