މިރޭ އިރުއޮއްސުނު ވަގުތު އައްޑޫ ސިޓީގެ ހުޅުމީދޫ ކުޅި ކައިރީގައި އޮތް ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެސަރަހައްދުގައި އަލިފާން ރޯވި ކަމުގެ ޚަބަރު ފުލުހުންނަށް ލިބުނީ މިރޭ 18:27 ހާ އިރު އެވެ. އެވަގުތުން ފަށައިގެން ފުލުހުން ދަނީ ރައްޔިތުންނާ ގުޅިގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފެށިއެވެ.

އެމްއެމްޑީއެފުން ބުނީ، ސ. ހުޅުދޫގެ "ކަނޑޮފިށީ ކުޅި" ސަރަހައްދުގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ނިއްވާލާފައިވާ ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން" އަށް ވިދާޅުވީ، އަލިފާން ނިއްވުމަށް އެ ސަރަހައްދުގައި ފެން ލިބުމުގައި އުނދަގޫތަކެއް ކުރިމަތިވެފައި ވުމުން އަލިފާން ނިއްވުމަށް، ރުއްރުކުގެ ފަން ފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މީހެއްގެ ގޯތި ގެދޮރަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.