19 Sep 2016, 16:37
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ އެގްޒެކްޓިވް ކޮމެޓީގައި ހިމެނިވަޑައިގެންނަވާ ފަސް މެމްބަރުން އެއްފަހަރާ މަގާމުން އިސްތިއުފާ ދެއްވުމުން، އެ ޖަމިއްޔާގެ އިންތިހާބު އަލުން ބާއްވަން ޖެހިއްޖެ އެވެ.
މި އަހަރުގެ މެއި 31 ވަނަ ދުވަހު އެފްއޭއެމްގެ ރައީސްގެ މަގަމާށް އިންތިހާބުވި އަހުމަދު ތާރިގު (ޓޮމް) އެފްއޭއެމްގެ އެކްސްކޯއަށް ނެގި އަށް މެމްބަރުންގެ ތެރެއިން މިއަދު އިސްތިއުފާ ދެއްވާފައި ވަނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އަބްދުލް ޣަނީ އާއި ގައުމީ ޓީމުގެ ކުރީގެ ފިޒީޝަން އަހުމަދު ޝަކީބާއި ނިއު ރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ މުހައްމަދު އީސާގެ އިތުރުން ނައިބު ރައީސް އަލީ އުމަރު ވަނީ މިއަދު އިސްތިއުފާ ދެއްވާފަ އެވެ.
އިސްތިއުފާ ދެއްވި މައިގަނޑު ސަބަބެއް ކަމަށް އެ ފަސް މެމްބަރުން ވެސް ސިޓީގައި ބުނެފައި ވަނީ ވޭތުވެދިޔަ ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެފްއޭއެމްގެ ނިންމުންތައް ނިންމުމުގައި ރައީސް އެކްސްކޯއާ މަޝްވަރާ ނުކުރުމެވެ.
ފަސް މެމްބަރުން އެއްފަހަރާ އިސްތިއުފާ ދެއްވުމުން ދެން އެކްސްކޯގައި ތިއްބަވާނީ މުހައްމަދު ކަލީމާއި އަހުމަދު ޒަރީރު އާއި އީގަލްސްގެ ޗެއާމަން އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމެވެ.
އެފްއޭއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން އެކްސްކޯގައި ހިމެނޭ މެމްބަރުންގެ ތެރެއިން 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދެއްވައިފިނަމަ އަލުން އިންތިހާބު ބާއްވަން ޖެހެ އެވެ.