20 Sep 2016, 10:12
ޔޫއެން (ސެޕްޓެމްބަރު 19): ސީރިއާގެ އެކި ސަރަހައްދުތަކުގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ ކޮންވޯއިއަކަށް ވައިގެ ހަމަލާއެއް ދީފި ކަމަށް ހަބަރު ފެތުރިއްޖެ އެވެ.
ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި ސީރިއާގެ ހަަލަބު ކައިރީގައި ދިިން އެހަމަލާގައި 12 މީހަކު މަރުވި އެވެ. އެ ހަމަލާގެ ފަހަތުގައި ވަނީ ސީރިއާ ސަރުކާރު ނުވަތަ ރަޝިއާގެ ވައިގެ އުޅަނދުތައް ކަމަށް އެ ޖަމްއިއްޔާ އިން ލަފާ ކުރެ އެވެ.
ޔޫއެންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެހީ ފޯރުކޮށްދޭ 31 ޓްރަކްގެ ތެރެއިން 18 ޓްރަކަށް ވަނީ ހަމަލާ ދީފަ އެވެ. ނަމަވެސް އެއީ ވައިގެ ހަމަލާއެއް ކަން އަދި ޔަގީންވެފައި ނުވެ އެވެ. ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯތަކުން އެހީ ފޯރުކޮށްދޭ އުޅަނދުތަކުގައި ރޯވެފައިވާ މަންޒަރު ފެނެ އެވެ.
ސީރިއާގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އެކޮންވޯއި އަށް ހަމަލާ ދީފައި ވަނީ އެގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދަކަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައި ކަމަށެވެ.
އެހަމަލާއާ ބެހޭ ގޮތުން ސީރިއާ ސަރުކާރުން އެއްވެސް އެއްޗެކޭ ބުނެފައި ނުވި ނަމަވެސް އެގައުމުގެ އަސްކަރިއްޔާއިން ވަނީ ސީރިއާގައި ހަމަލާ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް އަތުވެއްޖެ ކަމަށް ބުނެފަ އެވެ.
ނަމަވެސް އެމެރިކާއިން ވަނީ ހަމަލާ ދިނުން ހުއްޓާލުމުގެ އެއްބަސްވުން ހަދާފައި ވަނީ އެމެރިކާ އާއި ރަޝިއާއިން ކަމުން އެއްބަސްވުން އުވާލެވޭނީ ވެސް އެމެރިކާ އާއި ރަޝިއާއަށް ކަމަށް ވިދާޅުވެފަ އެވެ.
"އެއްބަސްވުން ހަދާފައި ވަނީ ރަޝިއާއިން. އެހެންވީމަ ރަޝިއާ އިން ބުނާ އެއްޗެއް އެނގެން ޖެހޭ. ނަމަވެސް އެންމެ މުހިއްމު ކަމަކީ ރަޝިއާ އިން އައްސަދު ކޮންޓްރޯލް ކުރުން. އައްސަދު ދަނީ އިންސާނީ އެހީ ފޯރުކޮށްދޭ ކޮންވޯއިތަކަށާ އެކު ބޮމުގެ ހަމަލާތައް ދެމުން،" އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވި އެވެ.
ސީރިއާގެ އެކި ސަރަހައްދުތަކަށް އެހީ ފޯރުކޮށް ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން އެގައުމުގައި ހަމަލާ ދިނުން ހުއްޓާލުމަށް އެމެރިކާ އާއި ރަޝިއާ އިން އެއްބަސްވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. (ބީބީސީ)