މީގެ 24 އަހަރު ކުރިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން އެކި ސްކޫލުތަކަށް ލޯނުގެ ގޮތުގައި ދޫކުރި ފައިސާ އާއި ޓީޗަރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ގާތްގަނޑަކަށް 12.7 މިލިޔަން ރުފިޔާ އެ ފަންޑަށް އަނބުރާ ލިބިފައި ނުވާކަން ހާމަވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ 1992 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް، ތައުލީމީ ފަންޑުން އިންޓްރެސްޓާ އެކު 7.2 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ. ތައުލީމީ ފަންޑުން ފައިސާ ދޫކޮށްފައިވާ ސްކޫލުތަކަކީ ހެންވޭރު ސްކޫލް، ޖަމިއްޔަތުލް ފަލާހު، މާފަންނު މަދަރުސާ، ޏ. ފުވައްމުލަކުގެ މަދަރުސަތުލް ޖިހާދު، ފުވައްމުލަކު ޑިވެލޮޕްމެންޓް ފައުންޑޭޝަން، ދަރުމަވަންތަ ސްކޫލް، މަންދު ކޮލެޖު، ސ. އަތޮޅު ތައުލީމީ މަރުކަޒު އަދި ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ޑިޕްލޮމާ މެނޭޖްމެންޓަށެވެ.

މީގެ އިތުރުން އަމިއްލަ ފަރާތްތަކަށް އެކި ގޮތްގޮތަށް ތައުލީމީ ފަންޑުން 8،187،079 ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.

ތައުލީމީ ފަންޑުން މީގެ 24 އަހަރު ކުރިން ބައެއް ސްކޫލުތަކަށް ދޫކުރި 7.2 މިލިޔަން ރުފިޔާގެ ލޯނުތަކުގެ ތެރެއިން، 2014 ގެ ނިޔަލަށް އެ ފަންޑަށް އަނބުރާ ލިބިފައި ވަނީ އެންމެ 804،953 ރުފިޔާ އެވެ. ބާކީ ނުލިބި 6،434،834 ރުފިޔާ ވެ އެވެ.

އަދި އަމިއްލަ ފަރާތްތަކަށް ދޫކުރި އަށް މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން ފަންޑަށް އަނބުރާ ލިބިފައި ވަނީ 1.9 މިލިޔަން ރުފިޔާ އެވެ. ބާކީ ނުލިބި 6،263،789 ރުފިޔާ ލިބި ވެ އެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، ސްކޫލުތަކަށް ލޯނުގެ ގޮތުގައި ދީފައިވާ ފައިސާއިން އަނބުރާ ލިބިފައި ނުވާ 6.4 މިލިޔަން ރުފިޔާ އަނބުރާ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަވާ ކަމަށެވެ.

ނަމަވެސް އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ ތެރެއިން އަނބުރާ ނުލިބި ވާ 6.2 މިލިޔަން ރުފިޔާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަ ކުރެ އެވެ.