20 Sep 2016, 14:24
އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ އެ ކުއްޖާގެ ބޮޑުބޭބެ ހ. ގޯލްޑަންޝަވާ މަހުމޫދު ހުސައިން 17 އަހަރާއި ހަމަހަށް ޖަލަށްލާން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
މަހުމޫދު ހުސައިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެނގިފައިވާ ގޮތުން އެ ކުއްޖާ އަކީ މަހުމޫދު ހުސައިންއަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ.
މަހުމޫދުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސްމަތިން ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
އެ މައްސަލަ ބަލައި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މަހުމޫދުގެ އިއުތިރާފުން އެމައްސަލަ ސާބިތުވާ ކަމަށެވެ.
މަހުމޫދު 17 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެގާނޫނުގެ (ށ) ގެ ދަށުންނެވެ.