ޖެނުއަރީ މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާ ކައުންސިލަތކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ފެށޭ ހަފްތާގައި ޕްރައިމެރީ ބާއްވާން އެމްޑީޕީން ނިންމައިފި އެވެ.

މީގެ ކުރިން އެމްޑިޕީން ބުނެފައިވަނީ އެ ޕާޓީން ކައުންސިލް އިންތިހާބުގައި ވާދަކުރާނީ އިދިކޮޅު ގިނަ ޕާޓީތަކެއް ހަދާފައިވާ އެމްއޯޔޫ އާ އެއްކޮށް ކަމަށެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ދާއިރާތަކެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށެވެ. އަދި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ޕްރައިމެރީ ބޭއްވުމަށް، ފެށޭ ހަފްތާގައި ހުޅުވާލާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަމިއްލަގޮތުން ކެމްޕޭން ކުރުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

މިފަހަރުވެސް ކައުންސިލް އިންހާބު ބޮޑު އަޣުލަނިއްޔަތަކުން ކާމިޔާބު ކުރާނީ އިދިކޮޅު އިއްތިހާދުން ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ.