21 Sep 2016, 09:06
ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "އޭ ދިލް ހޭ މުޝްކިލް"ގައި އައިޝްވާރްޔާ ރާއި ބައްޗަން އަދި ރަންބީރު ކަޕޫރުގެ ގައިގޯޅި މަންޒަރުތަކެއް ހިމެނޭތީ، އަމީތާބް ބައްޗަން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށް ހަބަރުތައް ވަނީ ބުނެފައެވެ.
މިހާތަނަށް އެ ފިލްމުގެ ޓީޒަރ އަދި ލަވަ އެއް ރިލީޒް ކޮށްފައި ވާއިރު، އައިޝްވާރްޔާ އަދި ރަންބީރުގެ ގައިގޯޅި މަންޒަރުތައް ގިނައެވެ. ގިނަ ބަޔަކަށް ޓީޒާ ކަމުދިޔަ އިރު ރެކޯޑު އަދަދަކަށް މީހުން ވަނީ އެ ފިލްމުގެ ޓީޒާ ބަލައިފައެވެ.
ނަމަވެސް އައިޝްވާރްޔާގެ ބަފައިބެ، އަމީތާބް ވަނީ ފިލްމުގެ ޓީޒާ އަދި ލަވަ ވެސް ނުބަލާ ކަމަށް ބުނެފައެވެ.
އެންމެ ފަހުން ރިލީޒްވި އަމީތާބްގެ ފިލްމު 'ޕިންކް'ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިޔަކު ވަނީ ފިލްމުގެ ޓީޒާ އާމެދު އަމީތާބު ދެކޭގޮތް ބެލުމަށް ސުވާލު ކޮށްފަ އެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެމުން އަމީތާބް ބުނީ، ފިލްމުގެ ޓީޒާ ވެސް އަދި ލަވަ ވެސް އޭނާ ނުބަލާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެއެވެ.
ރަންބީރާއި އައިޝްވާރްޔާގެ އިތުރުން، އެ ފިލްމުގެ މުހިންމު ރޯލު ތަކުން ދެން ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އަދި ފަވާދު ޚާނެވެ.
"އޭ ދިލްހޭ މުޝްކިލް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.