21 Sep 2016, 13:19
ފުވައްމުލަކުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ހިފައިގެން އިންޑިއާގެ ސޫތުކުޅިން ފުވައްމުލަކަށް ދިޔަ ވިއެޓްނާމްގެ އާގުބޯޓު އޮތީ ފޫގޮސްފައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފި އެވެ.
ފަރަށް އެރިތާ މަސް ދުވަސް ފަހުން ބޯޓުގައި ހުރި ބައެއް ހިލައާއި ހިލަވެލި މޫދަށް އުކާލުމަށް ފަހު ބޯޓު ފުންކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ބޯޓު މުޅިންހެން ފޫގޮސްފައި އޮތް ކަމެއް ނުވަތަ ނޫންކަމެއް ސާފުނުވާ ކަމަށެވެ. ނަމަވެސް ބޯޓުގައި ބައެއް ތަންތަނުން ލޯވަޅު ހެދިފައި ހުރުމުން ދިޔަވާތީ މަތީގައި ހިފަހައްޓަނީ ޕަންޕު ޖައްސައިގެން ކަމަށް ނާފިޒު ވިދާޅުވި އެވެ.
ފަރަށް ލިބުނު ގެއްލުމަށް އަގުދެއްކުމުން ބޯޓު ރާއްޖެއިން ފުރުމަށް ސަރުކާރުން ހުއްދަ ދޭނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުވައްމުލަކުގެ ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ފުން ކުރުމަށް އެ ބޯޓުގެ އޭޖެންޓުން ވަނީ ސިންގަޕޫރުގެ ސެލްވޭޖު ކުންފުންޏާ ހަވާލުކޮށް، އެ ކުންފުނީގެ ފަރާތުން ޓަގުތަކެއް ވެސް ގެނެސްފައެވެ. ނަމަވެސް އާގުބޯޓުގައި ހުރި 5،700 ޓަނުގެ ހިލައާއި ހިލަވެލީގެ ސަބަބުން ބޯޓު ފުން ވާ ގޮތް ނުވުމުން ހިލަތައް މޫދަށް އުކާލީ އެވެ.