އާޖެންޓީނާ ތަރި ލިއޮނަލް މެސީ އަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއެއްޖެ އެވެ.

މެސީއަށް އަނިޔާވެފައި ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި އެތުލެޓިކީ މެޑްރިޑާ ރޭ ބައްދަލު ކުރި މެޗުގަ އެވެ. އެ މެޗުގައި އެތިލެޓިކޯއީން ވަނީ ބާސާ ހިފަހައްޓާފަ އެވެ. އެ މެޗު ނިމިގެން ދިޔައީ 1-1ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.

އެ މެޗުގެ 59 ވަނަ މިނެޓްގައި އެތުލެޓިކޯގެ ޑިއެގޯ ގޮޑިން ކުރި ޓެކުލް އަކާ ގުޅިގެން މެސީގެ ކާނައަތު ފައިގެ އުކުޅުވަޅަށް ވަނީ އަނިޔާވެގެން ދަނޑުން ބާލާފަ އެވެ. މެސީގެ ބަދަލުގައި ކުޅެން ނުކުތީ ތުރުކީ ފޯވާޑް އަރުޑާ ޓުރަން އެވެ.

މެޗަށް ފަހު ބާސެލޯނާއިން ބުނީ މެސީއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަންނަށް މަދުވެގެން ތިން ހަފްތާ ނަގާނެ ކަމަށެވެ.

އެ މުއްދަތުގައި ލީގުގައި ބާސެލޯނާ ކުޅޭ ދެ މެޗާއި ޗެމްޕިއަންސް ލީގުގެ މެޗެއް ވެސް މެސީއަށް ގެއްލޭނެ އެވެ. އޭގެ އިތުރިން ވޯލްޑަޕް ކޮލިފައިންގައި އާޖެންޓީނާއިން އަންނަ މަހު ކުރީ ކޮޅުގައި ޕެރޫ އާއި ޕެރުގްއާއީ ދެކޮޅަށް ކުޅޭ މެޗުގައި ވެސް މެސީއަކަށް ނުކުޅެވޭނެއެވެ.