22 Sep 2016, 10:33
ރާއްޖޭގެ ރަށްތަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން ރ. މީދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފަށައިފި އެވެ.
އެ މަސައްކަތް ރަސްމީކޮށް އެމްއާރްޑީސީން ފަށާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
އެމްއާރްޑީސީގެ މީޑިއާ އޮފިޝަލް ޝާރިފް މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ ތާވަލު ކުރެވިފައިވާ ގޮތަށް ރ. މީދޫގެ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މީދޫގައި ދަނީ ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
ރ. މީދޫގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ/ އެމްއާރްޑީސީ
"އެ ސެޓްލްމަންޓުތައް (ޖަންކަޝަންތައް) ބެހެއްޓުމުގެ މަސައްކަތް ކުރަމުން. އެއަށް ފަހު މަގުތައް ދެއްތޯ ހެދެން ފެށޭނީ. އެއީ ވެސް މަގު ހެދުމުގެ މަސައްކަތުގެ ބައެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރ. މީދޫގެ މަގު ހެދުމުގެ މަސައްކަތް ވެސް ނިންމާލާނަން ކަނޑައެޅިފައި އޮތް ޑޭޓަށް."
މިދިޔަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ އެމްއާރްޑީސީއާ އެ މަސައްކަތް ހަވާލުކޮށްފަ އެވެ. ރ. މީދޫގެ ހަ މަގެއްގައި 2.6 ކިލޯ މީޓަރަށް ތާރު އަޅައިގެން ހަދާއިރު މި މަސައްކަތުގެ އަގު 30 މިލިއަނަށް އަރަ އެވެ.
އެއް އަހަރު ދުވަސް ތެރޭ އެ މަސައްކަތް ވެސް ނިންމަން ޖެހޭނެ ކަމަށް ހައުންސިން މިނިސްޓްރީން ބުންޏެވެ.