އިނގިރޭސީވިލާތަށް އަރުވާލެވިގެން ހުންނެވި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމުގައި ބޭނުން ކުރި ކަމަށް ބުނާ އެސްއޯއެފް ކުންފުނީގެ ހިއްސާދާރު މުހައްމަދު އައްލާމް ލަތީފު (މޯހޯ)އާއެކު ހަތަރު މީހެއްގެ ޕާސްޕޯޓް ކެންސަލްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކަށާއި ތަހުގީގީ އިދާރާތަކަށް ފިލައިގެން އުޅޭ މީހުން ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ދަތުރު ކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.

އެހެންކަމުން އަލީވަހީދާއި، އައްލާމްގެ އިތުރުން ހަތަރު މީހެއްގެ ޕާސްޕޯޓު އިމިގްރޭޝަނުން ކެންސަލް ކުރަން ނިންމައި ބޭރުގެ ފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށް ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޕާސްޕޯޓް ކެންސަލް ކުރި 6 މީހުން

  • އަލީ ވަހީދު - ހދ ކުޅުދުއްފުށި، ބަނދަރުގެ
  • މުހައްމަދު އައްލާމް ލަތީފް - މ. ސެސްނާ
  • އަހުމަދު އިޝްފާހު އަލީ - މ. ލޭންޑް އޮފް ގާޑަން
  • މުހައްމަދު ވިޝާމް - ހއ މުރައިދޫ، ވައިޖެހޭގެ
  • މުހައްމަދު ހުސައިން - ގ އޮއިވާލި
  • މުހައްމަދު އަސީލް އަހުމަދު - ހ. އައިދާ

އަލީ ވަހީދު ހޯދުމަށް މީގެ ކުރިން ފުލުހުން ވެސް އަދި އެހެންވެސް އިދާރާއަކުންވެސް އިއުލާނުކޮށްފައެއް ނުވެ އެވެ. ނަމަވެސް އައްލާމް އާއި ދެން ތިބި ފަސް މީހުންނަކީ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި މައްސަލާގަ އާއި ހިބަޅިދޫއިން ހަތިޔާރު ފެނުނު މައްސަލާގައި ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހުންނެވެ.

އިމިގްރޭޝަނުގެ އިއުލާނުގައި ބުނެފައިވަނީ މި ހަ މީހުންވެސް މާލެ އަންނަން ބޭނުންނަަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހަދާދޭނެ ކަމަށެވެ.

އެ ފަރާތްތަކުގެ ޕާސްޕޯޓް ކެންސަލް ކުރިކަން ގައުމުތަކަށް އަންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ބުނީ އެ ގައުމުތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ދަތިތަކަށް އިމިގްރޭޝަނުން ޒިންމާ ނުނަގާނެ ކަމަށެވެ.

މިހާރު ރާއްޖޭން ބޭރުގައި އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އިތުރުން ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްގެ ޕާސްްޕޯޓްވެސް ވަނީ ކެންސަލްކޮށްފަ އެވެ.

އަދި ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އުމުރަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭ އަބްދުﷲ ލުތުފީގެ ޕާސްޕޯޓްވެސް އިމިގްރޭޝަނުން ވަނީ ކެންސަލްކޮށްފަ އެވެ.