23 Sep 2016, 13:55
ދިވެހި ސިފައިންގެ އެއާ ވިންގު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އެހީތެރިކަމެއް ދޭނެ ކަމަށް އިންޑިއާގެ އަސްކަރިއްޔާއާ ހަވާލާދީ މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފި އެވެ.
އެމްއެންޑީއެފުން އެގޮތަށް ބުނެފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް، އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅާ ގުޅިގެން އާންމު ކުރި ޚަބަރެއްގަ އެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މޭޖާ ޖެނަރަލް ޝިޔާމް އިންޑީއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ އަސްކަރިއްޔާގެ މަތީފަންތީގެ ބޭފުޅުންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ.
އެގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރު މރ. މަނޯހަރު ޕަރިއްކާރު އާއި އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އެއާ ސްޓާފާއި، ޗީފް އޮފް ނޭވަލް ސްޓާފްގެ އިތުރުން ޗީފް އޮފް ސްޓާފް ކޮމެޓީގެ ޗެއާމަން އާއި، ޑިފެންސް ސެކެރެޓަރީއާ ބައްދަލު ކުރެއްވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރިންނާއެކު ވަކިވަކިން ބޭއްވެވި އެ ބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްޤީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް އެމްއެންޑީފުން ބުންޏެވެ. އަދި މި މަޝްވަރާތަކުގައި ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށް ބޭނުންވާ ކަންތައްތައް އިންޑިއާ އަސްރިޔާއިން ވަނީ އޮޅުންފިލުއްވި ކަމަށާއި އެ މަޝްވަރާތަކުގައި ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް އަސްކަރީ ތަމްރީނުތަކުގެ އިތުރު ފުރުޞަތުތައް ހޯއްދެވުމަށް މަގުފަހި ކޮށްދޭނެ އިންޑިއާއިން ޔަގީންކަން ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ޚާއްޞަގޮތެއްގައި ސިފައިންގެ އެއަރ ވިންގް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އެހީތެރިކަމެއް ވެދެއްވާނެކަމަށް އިންޑިއާގެ އަސްކަރީ ވަފުދުން ވަނީ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ދިވެހި އަސްކަރިއްޔާގެ ތަރައްޤީއާއި ކުރިއެރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޗީފް އޮފް ޑިފެންސް ފޯސް ވަނީ އިންޑިއާ އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ،" އެމްއެންޑީއެފުން އާންމު ކުރި ޚަބަރުގައިވެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އިންޑީއާގެ ސަދަން ނޭވަލް ކޮމާންޑުން ހިންގާ ތަމްރީނު މަރުކަޒަށާއި، އިންޑިއަން ނޭވަލް އެއާ ސްކޮޑްރަން އާއި ނޭވަލް އެއަރކުރާފްޓް ޔާޑް އަދި ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގެ އިތުރުން އިންޑިއަން ކޯސްޓްގާޑުގެ ބައެއް އުޅަނދަކަށް ޒިޔާރަތް ކުރެއްވި އެވެ.

އެމްއެންޑީއެފުން ބުނީ އެ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމުން ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމަށްވަރަށް ހޫނު މަރުހަބާއެއް ދެންނެވި ކަމަށެވެ. އަދި ބުނީ އެ ދަތުރުފުޅުގައި އިންޑިއާގެ ކޮޗިންގައި އެކިއެކި ތަމްރީނުތައް ފުރި ކުރަމުންގެންދާ ދިވެހި ސިފައިންނާ ޝިޔާމް ބައްދަލުކުރައްވައި ތަމްރީނުތައް ކުރިއަށްދާ ގޮތް އޮޅުންފިލުއްވައި އެފަރާތްތަކަށް ހިތްވަރުދެއްވި ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް ޝަޔާމް އިންޑިއާއަށް ކުރެއްވި އެ ދަތުރުފުޅުގައި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރެއިނިންގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ހާމިދު ޝަފީގް ވަނީ ބައިވެެރިވެވަޑައިގަންނަވާފައެވެ.