25 Sep 2016, 14:59
ބައެއް ކަހަލަ ނުކުޅެދުންތެރިކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ކަންތައްތައްތަކެއް ކަމަށާއި އެ ނުކުޅެދުންތެރިކަން ދިމާވުމުގެ ކުރިން ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ ކަމަށް ނައިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން ދެމުން އަންނަ "ޑިސްއެބިލިޓީ އެވޯޑް" ދިނުމަށް ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަމުގައި އެމީހަކު ދުނިޔޭގައި އުޅެމުންދާ ގޮތަކުން ދިމާވާ ނުކުޅެދުންތެރިކަން ހުންނަ ކަމަށެވެ.
"ބައެއްކަހަލަ ނުކުޅެދުންތެރިކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންފައި ހުރި ކަންތައްތަކެއް. އެހެންވީމާ އެބަޖެހޭ އަޅުނގަޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން. ކާންގެންގުޅޭ ކާބޯއެއްޗިއްސަށް ސަމާލުވާން. ބޭނުންކުރާ އާލާތްތަކަށް ސަމާލުވާން،" ޖަވާދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ، އެ ބަދަލުތަކަކީ އެއްދުވަހުން ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އެކަންކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަކީ މީގެކުރީ ސަރުކާރަކުން އަޅާކިރޭނެ ކަންތައްތަކެއް ނޫން ކަމަށް އިޝާރާތްކުރައްވައި ޖިހާދު ވަނީ، ކުރިއަށް އޮތް ތަނުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޒިޔާރަތާ ގުޅިގެން ނައިބް ރައީސް ވިދާޅުވީ، އެތަނުގައި ތިއްބެވި ބައެއް މީހުންނާ ވާހަކަ ދައްކާލުމުން ލިބުނީ ވަރަށް ހިތާމަވެރި ހަބަރުތަކެއް ކަމަށެވެ.
"ހާއްސަ އެހީގައި ތިއްބެވި މީހުން ކައިރީގައި އަހާލިން، އާއިލާ މީހުން ގުޅާތޯ. އެމީހުން ދެކިލަން އާދޭހޭ. ވަރަށް ހިތާމައާއެކު އަޑުއިވުނީ ވަރަށް މަދުން ނޫނީ ނާދޭ. ވަރަށް މަދުން ނޫނީ ނުގުޅައޭ. ގުޅީމަ ފޯނެއް ވެސް ނުނަގާ،" ޖިހާދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ދުރާލާ އަޅާލެވިގެންދާ ނަމަ އެހިސާބަށް ދާކަށް ނުޖެހޭނެ ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން މަރުކަޒެއްގައި ބައިތިއްބައިގެން އެފަދަ މީހުންނަށް ސަރުކާރުން ހިދުމަތެއް ދިން ކަމުގައިވީ ނަމަވެސް، އެފަރާތްތަކުގެ އާއިލާތަކުން އެމީހުނަށް އަޅާލައި ހަމްދަރުދީ އޮންނަންޖެހޭނެ ކަމަށެވެ.
"ސަރުކާރުން ވަރަށް ގިނަ ހޭދަތަކެއް ކުރެވިދާނެ. އެމީހުން ބަލި ރަނގަޅުވާނީ ހަމައެކަނި ސަރުކާރުން ހޭދަތަކެއް ކޮށްގެންނެއް ނޫން،" ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށް ވުރެ ބޮޑަށް އަޅާލުމަށް ގޮވާލައި ނައިބް ރައީސް ޖިހާދު ވިދާޅުވި އެވެ.