މޯލްޓިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސަކަށް އަބްދުﷲ ޣިޔާޒު އިޔާޒު ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފިއެވެ.

މަޓާޓޯގެ ބޯޑު މެމްބަރުން އިންތިހާބުކޮށްފައި ވަނީ ޗަންޕާ ސެންޓްރަލް ހޮޓަލުގައި ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ. ރޭގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ 29 މެމްބަރުން ބައިވެރިވެފައިވާއިރު އެންމެ ގިނަ ވޯޓު ލިބިގެން މަޓާޓޯގެ ރައީސަކަށް ހޮވުނީ މިދިޔަ އަހަރު ވެސް އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޣިޔާޒު އިޔާޒުވެ.

އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިނަރ މޯލްޑިވްސް ހޮލިޑޭސްގެ ފަރާތުން ޣިޔާޒް ހޮވިފައިވާއިރު ނައިބް ރައީސުންގެ މަގާމަށް ދެ ބޭފުޅަކު އިންތިހާބުވެފައިވެއެވެ. އެއީ ޓްރޮޕިކަލް އައިސްލް ކަލެކްޝަންސްގެ ފަރާތުން އަބްދުﷲ ސުއޫދާއި ޔޮޓް ޓުއާސްގެ ފަރާތުން އިބްރާހިމް ޝިހާމެވެ.

ހަޒާންދާރެއްގެ މަގާމަށް ވިސްޓަ ކޮމްޕެނީ އެންޑް ޓްރެވަލް ސާވިސަސްގެ ފަރާތުން އަލީ އަހުމަދު އިންތިހާބުކޮށްފައިވާއިރު ފަސް މެމްބަރަކު އިތުރަށް އިންތިހާބުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަޓާޓޯގެ ބޯޑަށް އިންތިހާބުވި ފުރަތަމަ އަންހެން ބޭފުޅާ، ސަން ޓްރެވަލްސް އެންޑް ޓުއާސްގެ ފަރާތުން އާމިނަތު ނިނާ ނިޒާރު ހިމެނިވަޑައިގަންނަވައެވެ.

ނިނާގެ އިތުރުން އަލަށް އިންތިހާބުވެވަޑައިގަތް އަނެއް ބޭފުޅަކީ ވޮޔޭޖެސް މޯލްޑިވްސްގެ ފަރާތުން މުހައްމަދު ޖިނާނެވެ.

އަލަށް އިންތިހާބުވި ދެ މެމްބަރުންގެ އިތުރުން ދެން އިންތިހާބުވެވަޑައިގަތީ ފާއިތުވި އަހަރު އެ އެސޯސިއޭޝަންގެ ބޯޑަށް އިންތިހާބުވެވަޑައިގަތް ބޭފުޅުންނެވެ. އެއީ ރިއޮލޯ ޓްރެވެލްސްގެ މުހައްމަދު ޚަލީލާއި ޕާލް ޓްރެވަލް ސާވިސަސްގެ އަހުމަދު ފިޔާޒާއި އައިލަންޑް ޕާލްގެ ޚާތިމް ހަސަން އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ބޮޑު ބަދަލުތަކެއް އަންނާނެ ފަދަ ޕްރޮޖެކްޓުތަކާއި ޕްރޮގްރާމްތައް ހިންގުމަށް. ޕްރޮގްރާމްތައް އޭގެ ސަބަބުން އިންޑަސްޓްރީ ފުޅާވެ، ދިވެހިންގެ އިގްތިސާދު ވެސް ފުޅާވާނެ ފަދަ ޕްރޮގްރާމްތައް،" ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް ޣީޔާޒް ވިދާޅުވިއެވެ.

މަޓާޓޯއަކީ 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެސޯސިއޭޝަން އެކެވެ. ފާއިތުވި 10 އަހަރު ދުވަސްތެރޭ އެ އެސޯސިއޭޝަނުން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދައި، ރާއްޖެއަށް މުޅިން އާ އެވޯޑެއް ކަމަށްވާ، މޯލްޑިވްސް ޓްރެވަލް އެވޯޑްސް ވެސް ވުޖޫދަށް ގެނެސްފައެވެ. އެގޮތުން ކޮންމެ އަހަރަކު މި އެވޯޑު ހަފްލާ ބާއްވައެވެ.