އާސެނަލްގެ އިނގިރޭސި ފޯވަޑް ތިއޯ ވަލްކޮޓްގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަބަދުވެސް އޭނާ އަށް އަބަދުވެސް އިތުބާރުކުރާ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މި އަހަރު ވަލްކޮޓް އަށް އެންމެ ބޮޑު ހިތާމައެއްގެ ގޮތުގައި ވެފައި ވަނީ މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ޓީމުގައި ނުހިމެނުމެވެ. ނަމަވެސް މިހާތަނަށް އާސެނަލަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ ހަ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ.

"ވަލްކޮޓް އަށް ވެގެންދިޔައީ ވަރަށް ހާއްސަ ގޮތެއް. އޭނާގެ އުމުރުން އެންމެ 16 އަހަރުގައި އިނގިރޭސި ޓީމާއެކު 2006ގެ ވޯލްޑް ކަޕަށް ދިޔަ. މިހާރު މިއީ 2016 އެކަމަކު އޭނާ އަށް ވޯލްޑް ކަޕުގެ މެޗެއްގައި ކުޅުމުގެ ފުރުސަތެއް ނުލިބޭ. ޔޫރޯ އަށް ނުނެގުމަކީ އޭނާ އަށް ބޮޑު ހިތާމައެއް. އޭނާ ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި. އަހަރެން އަބަދުވެސް އޭނާ އަށް އިތުބާރުކުރަން،" އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.

ވެންގާ ބުނީ، ވަލްކޮޓް އަކީ ހާއްސަ ކުޅުންތެރިޔަކަށް ވާނެ ކަން ކުރިން ވެސް އެނގޭ ކަމަށާއި އޭނާ އަކީ ހާއްސަ ސިފަތަކަކާއެކު ވަރަށް ވިސްނުން ތޫނު ކުޅުންތެރިއެއް ކަމަށް އަބަދުވެސް ދެކުމުންދިޔަ ކަމަށެވެ.