ހަނޯވާ(ސެޕްޓެމްބަރ 27): އަމިއްލަ ދައްތަގެ ގަޔަށް ވަޅިޖަހައި މަރާލި ސޫރިޔާގެ ޒުވާން ރެފިއުޖީއަކު 12 އަހަރަށް ޖަލަށް ލުމަށް ޖަރުމަނުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ޖަރުމަނުގެ ހެއިސިން ސްޓޭޓްގެ ހަނޯވާގެ ކޯޓަކުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ އެގައުމަށް ހިޖްރަކޮށްގެން އުޅޭ ސޫރިޔާގެ އުމުރުން 22 އަހަރުވީ ޒުވާން ފިރިހެނެއްގެ މައްޗަށް، އޭނާގެ މާބަނޑު ދައްތައާއި ދައްތަގެ ބަނޑުގައިވާ ދަރިފުޅު މަރާލުމުގެ ކުށް ސާބިތުވާތީ 12 އަހަރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމުގައެވެ. 22 އަހަރުގެ ޒުވާނާ މިޖަރީމާ ހިންގާފައިވަނީ އޭނާގެ އާއިލާގެ ތެރޭގައި ހިނގި އަރާރުމެއްގައެވެ.

އުމުރުން 30 އަހަރުގެ ދަށްތައާއި ދައްތަގެ ބަނޑުގައިވާ ދަރިފުޅު މަރާލީ ދައްތަ ހިލޭ ފިރިހެނަކާއެކު ޖިންސީ ގުޅުންތަކެއް ހިންގުމުން ޢާއިލާގެ "ޝަރަފު ދެމެހެއްޓުމަށް" ކަމަށް 22 އަހަރުގެ ފިރިހެންމީހާ ބުނެއެވެ. ނަމަވެސް ދައްތަ ބަލިވެއިނީ އޭނާގެ ފިރިމީހާއަށް ކަން ނޫނީ އޭނާ ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ ފިރިހެންމީހާއަށްކަން ސާފުވެފައެއް ނުވެއެވެ.

ބައެއް އަރަބި ގައުމުތަކުގައާއި ޕާކިސްތާން ފަދަ އިސްލާމީ ބައެއް ގައުމުތަކުގައި ނަހަލާލަށް ބަލިވެ އިންނަ އަންހެނުން، ޢާއިލާގެ "ޝަރަފު ދެމެހެއްޓުމަށް" ކަމަށްބުނެ މަރަމުން ގެންދެއެވެ. މިފަދަ ޖަރީމާތައް ހިންގާ ހަރުކަށި މީހުންނަކީ ހަލާލު ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމުން އެކަމުގެ އަދަބު ދިނުމަށް އިސްލާމް ދީނުގައި އޮންނަ ހުކުމާ އުސޫލުތަކާއެއްގޮތަށް އަމަލުކުރުމުގެ ބަދަލުގައި ޢާއިލާގެ "ޝަރަފު" ދެމެހެއްޓުމުގެ ނަމުގައި އިސްލާމް ދީނާ ޚިލާފަށް އަމިއްލައަށް އަތްއިސްކޮށް ޖަރީމާތައް ހިންގާ މީހުންނެވެ.

މިފަދަ ޖަރީމާތައް ހިންގާ ފިރިހެނުންގެ މައްސަލަތައް ބައެއް އިސްލާމީ ގައުމުތަކުން ބަލާއިރު އަނެއްބައި ގައުމުތަކުގެ ސަރުކާރުތަކުން މިފަދަ ޖަރީމާތަކަށް އަޅާނުލައި ދޫކޮށްލާފައިވެސް ވެއެވެ.

ސޫރިޔާގެ 30 އަހަރުވީ އަންހެންމީހާ ހިލޭ ފިރިހެނަކާ ގުޅުން ހިންގިކަން ނުވަތަ ނޫންކަންވެސް އޭނާގެ ކޮށްކޮއަށް ހަނޯވާގެ ކޯޓްގައި ސާބިތު ކޮށްދެވިފައެއްވެސް ނުވެއެވެ. މިމައްސަލާގައި ފިރިހެންމީހާ އުމުރަށް ޖަލަށްލުމަށް ހެއިސިން ސްޓޭޓްގެ ޕްރޮކިއުޓަރ ގެ ވަކީލު އެދުނު ނަމަވެސް ކޯޓުން ނިންމީ 12 އަހަރަށް ޖަލަށް ލުމަށެވެ. (ޑީޕީއޭ)