27 Sep 2016, 16:11
ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ޗެއާމަންގެ މަގާމަށް އިބްރާހިމް އިސްމާއިލް އައްޔަންކުރައްވައިފި އެވެ.
އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް އިބްރާހިމް އިސްމާއިލް އެ މަގާމަށް އައްޔަން ކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. އިބްރާހިމް އިސްމާއިލް އެ ކައުންސިލްގެ ޗެއާމަނަކަށް މިއަދު އައްޔަން ކުރައްވާފައިވާ އިރު އޭނާ އަކީ ކުރިން ވެސް އެ ކައުންސިލްގެ މެމްބަރެކެވެ.
ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ޗެއާމަނަކަށް ކުރިން ހުންނެވީ ޔޫތު މިނިސްޓްރީގެ ނައިބެއްގެ މަގާމުގައި ހުންނެވި ޝާހު އިސްމާއިލް އެވެ. ނަމަވެސް އޭނާ މިހާރު ވަނީ ފިޝަރީޒް މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.
ޝާހު އިސްމާއިލްގެ ބަދަލުގައި އެ ކައުންސިލްގެ މެމްބަރަކަށް ޔޫތު މިނިސްޓްރީން އައްޔަން ކުރައްވާފައި ވަނީ ކުޅިވަރާ ބެހޭ ވަޒީރުގެ ނައިބް އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.
އިބްރާހިމް އިސްމާއިލަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސްކަން އަދި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.