މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ފަހެއްގައި، ދ. ކުޑަހުވަދޫ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އެޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު، ކުޅުނު ޒޯން ފަހެއްގެ ފައިނަލް މެޗުގައި ފ. އަތޮޅުގެ ޗެމްޕިއަން ދަރަނބޫދުއާ ވާދަކޮށް ކުޑަހުވަދޫ ޓީމު މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ކުޑަހުވަދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން، މުޅި ދަނޑުގެ ވަށައިގެން ރަތް ހެދުމުގައި ތިބެ، ރަތް ޖާޒީގައި ކުޅެމުންދިޔަ އެރަށު ޓީމަށް ތަރުހީބުދެމުންދިޔަ ފޯރި ގަދަ މެޗުގެ 14 ވަނަ މިނިޓްގައި އެޓީމަށް މެޗުގެ ކުރި ހޯދައިދިނީ ޖުމައިލް ޖަމީލް (ޖަމްބޭ) އެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ހަތަރު ވަނަ ލަނޑެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލްގައި ފ. ދަރަނބޫދުއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގައި ކުޑަހުވަދޫގެ ސަޕޯޓަރުން އެ ޓީމަށް ތަރުހީބުދެނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް

މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ޖަމްބޭއަށް ވަނީ، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ކުޑަހުވަދޫ ޓީމުން ކާމިޔާބުކުރި ދެ ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި އަހްމަދު ޝިނާޒް (ޝިނާ)އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ޓީމުން މުބާރާތުގެ ތަށި އުފުލައިލަނީ -- ސަން ފޮޓޯ: އެފްއޭއެމް

ޒޯން ފަހެއްގެ ފައިނަލަށް ކުޑަހުވަދޫ ދަތުރުކުރީ، ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ވ. އަތޮޅުގެ ޗެމްޕިއަން ފުލިދޫ އަތުން 5-1ގެ ނަތީޖާއަކުން މޮޅުވެ، ދެވަނަ މެޗުގައި ދަރަނބޫދޫ އަތުން 1-0 ލަނޑުން މޮޅުވެ، ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މ. އަތޮޅުގެ ޗެމްޕިއަން މުލަކާ ވާދަކޮށް 0-0 އިން އެެއްވަރުވެ ޖުމުލަ ހަތް ޕޮއިންޓު ހޯދައިގެންނެވެ.