ބޮލީވުޑް ފިލްތަކުގެ ތެރޭން ކުރިއަށް ރިލީޒް ވާން ހުރި ފިލްމުތަކުގައި ޕާކިސްތާނު އެކްޓަރުން ކުޅެފައިވާ މަންޒަރުތައް ނުހިމެނުމަށާއި އެ މަންޒަރުތައް ޕާކިސްތާނަށް ނިސްބަތް ނުވާ ފަންނާނުން ލައްވައި ކުޅުވުމަށް މަހާރާޝްތުރަ ޕާޓީ އިން އިއްޔެ އަންގައިފި އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މައްސަލަ ހޫނުވެފައި ވަނީ ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިމަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލުމާ ގުޅިގެންނެވެ.

އިންޑިއާއިން ވަނީ އެ ހަމަލާ ދިން ހަތިޔާރަކީ ޕާކިސްތާނަށް ނިސްބަތްވާ ހަތިޔާރު ކަަމަށާއި އެހެންކަމުން ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަންވާނެ ކަމަށް ބުނެފައެވެ.

އެ ހަމަލާއާ ގުޅިގެން މަހާރާޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން ވަނީ އިންޑިއާގައި މަސައްކަތް ކުރާ ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ފޭބުމަށް އިންޒާރު ދީ 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެއާއެކު ޕާކިސްތާނު ފަންނާނުން ވަނީ އިންޑިއާ ދޫކޮށް ގޮސްފައެވެ.

އެއަށްފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންއެސް އިން ވަނީ އަންނަ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަރަން ޖޯހަރުގެ "އޭ ދިލް ހޭ މުޝްކިލް" ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ކުޅެފައިވާ ރޯލާއި، އަންނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޝާހު ރުކް ޚާންގެ "ރައީސް"ގައި ޕާކިސްތާނު އެކްޓްރެސް މާހިރާ ޚާން ކުޅެފައިވާ ރޯލު ނުހިމެނުމަށް އަންގައިފައެވެ.

"ރައީސް" އަކީ މާހިރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.

އެ ޕާޓީ އިން ވަނީ "އޭ ދިލް ހޭ މުޝްކިލް"ގައި ފަވާދު ޚާންގެ ރޯލެއް ހިމެނޭތީ އެކަމާ ނުރުހުން ފާޅުކޮށް ކަރަން ޖޯހަރު ދިރިއުޅޭ ގެ ކައިރީގައި މުޒާހަރާ ވެސް ކޮށްފައެވެ.

އެމްއެންއެސްގެ އެ އިންޒާރާ ގުޅިގެން އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ފަންނާނުންގެ ތެރޭގައި ކަރަން ޖޯހަރު ހިމެނެ އެވެ.

"ޕާކިސްތާނު އެކްޓަރުން އިންޑިއާ އިން ބޭރު ކުރުމަކީ ހައްލެއް ނޫން. ޓެރަރިޒަމްގެ މައްސަލަ ހައްލު ކުރެވޭނީ ހުރިހާ އެންމެން އެކަތިގަނޑަކަށްވެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމުން،" ކަރަން ބުނެފައިވެ އެވެ.

އެމްއެންއެސް އިން ބުނީ އެކްޓު ކުރުމުގެ ފަންނާ މެދު އެޕާޓީ އިން ދެކޮޅު ނުހަދާ ކަމަށާއި، އެމީހުން މަސައްކަތް ކުރަނީ ހަމަލާ އަށް ފަހު ވެސް އެކަން ކުށްވެރި ނުކުރި ޕާކިސްތާނު އެކްޓަރުންނާ ދެކޮޅަށް ކަމަށެވެ.

""އިންޑިއާ އަށް ވުރެ ކަރަން ޖޯހަރު މުހިންމެއް ނުވާނެ. ކަރަން ޖޯހަރާއި "ރައީސް" ގެ ޕްރޮޑިއުސަރުން އަހަރުމެންގެ އެންގުމާ އެގޮތަކަށް އަމަލު ނުކޮށްފި ނަމަ ދެ ފިލްމު ރިލީޒް ކުރުން ވެސް މަނާ ކުރާނަން،" އެ ޕާޓީ އިން އިއްޔެ ބުނެފައިވެ އެވެ.

އެގޮތުން އެއީ ހަމަ އެކަނި ފަވާދު ޚާން ނޫން ކަމަށާއި، ޕާކިސްތާނު ހުރިހާ ފަންނާނުން ވެސް ހިމެނޭ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.

"ޕާކިސްތާނާ އެކު އެކުވެރިކަން ބަދަހި ކުރުމަށް މަސައްކަތް ކުރާނީ އިންޑިއާ އަށް ހަމަލާ ދިނުން ހުއްޓާލި ދުވަހަކުން،" އެ ޕާޓީގެ ލީޑަރު ވިދާޅުވި އެވެ.

އަދި މިހާރު ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ބޭރުވެފައިވާ ކަމަށާއި، އެއްވެސް މީހަކު ފިލައިގެން އުޅޭ ނަމަ އެމީހަކު ހޯދައި އިންޑިއާ އިން ބޭރުކޮށްލާނެ ކަމަށް އެ ޕާޓީ އިން ބުނެ އެވެ.