29 Sep 2016, 12:28
ޗައިނާގެ އެއާ ޓްރެފިކް ހަރުދަނާ ކުރުމަށް އެގައުމުން ނާސާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ޗައިނާގެ އޮސްޓްރޮނޮޓިކަލް އެސްޓަބްލިޝްމެންޓުން ނާސާއާ އެކު މިފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފައި މިވަނީ އެގައުމުގެ ވައިގެ ބަނދަރުތަކުގައި އެއާ ޓްރެފިކް ބޮޑުވެ ފްލައިޓުތައް ޑިލޭ ވާ މައްސަލައަށް ހައްލެއް ހޯދުމަށެވެ.
މުޅި ދުނިޔެއިންވެސް އެންމެ ބާރު މިނުގައި ކުރިއަރަމުން އަންނަނީ ޗައިނާގެ އޭވިއޭޝަން އިންޑަސްޓްރީއެވެ. ނަމަވެސް އެއާ ޓްރެފިކް އާ ހުރެ އާ އެއާލައިންތައް އެގައުމުގެ އޭވިއޭޝަނަށް އިތުރު ކުރުމުގައި ޗައިނާ އަށް ވަނީ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ނާސާއާ އެކު ޗައިނާއިން އިން ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެގައުމުގެ އެއާ ޓްރެފިކް މެނޭޖެމެންޓް ސިސްޓަމް ހަރުދަނާ ކުރުމަށް ނާސާގެ ފަންނީ އެހީ ލިބިގެން ދާނެ އެވެ.
މި އެއްބަސްވުމުގެ މަޝްވަރާތައްކޮށްފައިވަނީ ނާސާގެ އެޑްމިނިސްޓްރޭޓަރު، ޗާލްސް ބޯޑަން މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސިވިލް އޭވިއޭޝަންގެ މެމްބަރުންނާ އެކު ކުރެއްވި ބައްދަލުވުމުގައިއެވެ.
ނާސާއާ އެކު މިފަދަ އެއްބަސްވުމެއްގައި ޗައިނާއިން ސޮއި ކޮށްފައިވާއިރު މިދިޔަ ޖުލައި މަހު އެގައުމުން ވަނީ އެގައުމުގެ އެއާ ޓްރެފިކް ސިސްޓަމް ހަރުދަނާ ކުރުމަށް 7.49 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.