29 Sep 2016, 12:34
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ޗެއާމަންކަމުން މުހައްމަދު ރިޔާޒު އިސްތިއުފާދެއްވައިފިއެވެ.
ޕްރެވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އެމްއާރްޑީސީގެ ޗެއާމަންކަމުން ރިޔާޒު އިސްތިއުފާ ދެއްވާފައިވާއިރު ވަރަށް އަވަހަށް އެކުންފުނީގެ ޗެއާމަން ކަމަށް ބޭފުޅަކު ހަމަޖައްސާނެ ކަމަށެވެ.
ސަން އަށް އެނގިފައިވާގޮތުގައި ރިޔާޒު އިސްތިއުފާދެއްވީ އެމްއާރްޑީސީ ގައި ހުރި ކޮރަޕްޝަން މައްސަލަތަކެއްގެ ސަބަބުން އިސްތިއުފާ ދެއްވުމަށް ސަރުކާރުން އެންގުމުންނެވެ.
މީގެ ކުރިން ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހީމް ނަޒީމް އެމަގާމުން ވަކިކޮށް ހައުސިން މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފައެވެ.
އޭނާގެ މައްޗަށް މިހާރު ވަނީ ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.