29 Sep 2016, 14:49
ދިވެހިރާއްޖޭގެ އެމްބަސީއެއް ޖަރަމަނު ވިލާތުގެ ވެރިރަށް ބާލިން ގައި ގާއިމްކޮށްފިއެވެ.
ޖަރުމަނުގައި ރާއްޖޭގެ އެމްބަސީ ގާއިމް ކުރުމުގެ ލިއުމުގައި ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ސޮއި ކުރެއްވީ މިއަދު ބާލިންގައި ހުންނަ ހޮޓެލް އެޑްލޮންގައި އެވެ.
ޖަރުމަނު ވެގެން މިދަނީ ބޭރުގެ ގައުމެއްގައި ރާއްޖޭގެ އެމްބަސީއެއް ގާއިމް ކުރެވޭ 14 ވަނަ ގައުމަށެވެ.
އެގައުމުގައި ގާއިމް ކުރި އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާސިމް ވިދާޅުވީ ޖަރުމަނުގައި އެމްބަސީއެއް ހުޅުވުން ވެގެންދާނީ ރާއްޖެއާ އެގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއަހަރު ވެގެން ދަނީ ޖަރުމަނު ވިލާތާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާއިރު އެގައުމުގައި އެމްބަސީއެއް ހުޅުވުމަކީ ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ހުރަސް ކުރެވޭ ވަރަށް މުހިއްމު ހަރުފަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް، ޖަރުމަނުގައި ދިވެހި އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ
ޖަރުމަނު ވިލާތަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ ކުރިއެރުމުގައި ބޮޑު ރޯލެއް އަދާ ކުރަމުންދާ ގައުމެއްކަން ފާހަގަކުރައްވާ ވާހަކަ ދައްވަމުން އާސިމް ވިދާޅުވީ އެގައުމަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ރާއްޖެއާއި އެގައުމާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންވެސް ވަރުގަދަވެފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެމްބަސީތައް ހުންނަ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޖަޕާން، ޗައިނާ، ޔޫއޭއީ، ބަންގަލޭޝް، ސްރީލަންކާ، އިނގިރޭސި ވިލާތް، މެލޭޝިއާ، އިންޑިއާ، ޕާކިސްތާން، ސިންގަޕޫރު، ސްވިޒަލޭންޑު އަދި އެމެރިކާ ހިމެނެއެވެ.