އިސްކުރުން އަންނަ ފެން ފިލްޓާކޮށް، އެ ފެން ރައްކާތެރިކަމާ އެކު ބޮވޭނެގޮތް ހެދުމަށް "އެޗްޕީ ވޯޓާމޭކާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އިން ފިލްޓާ މެޝިނެއް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އިޓަލީގެ މިލާން އިން އުފައްދާ އެ ޕްލާންޓަކީ އަގުހެޔޮކޮށް، ފަސޭހަކަމާ އެކު އިސްކުރުން އަންނަ ފެން ރައްކާތެރިކަމާ އެކު ބޮވޭނެގޮތް ފަހިކޮށްދޭ މެޝިނެކެވެ.

އިސްކުރު ފެން ފިލްޓާ ކުރުމަށް ހާއްސަ ފިލްޓަރު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އާންމުކޮށް އިސްކުރުން އަންނަ ފެނަކީ ބުއިމަށް އެންމެ އެކަށީގެންވާ ފެނެއް ނޫނެވެ. ބައެއް ފަހަރު އެފަދަ ފެނުގައި ބެކްޓީރިއާ ހުންނަ އިރު، ގިނަ ރަށްރަށުގައި ބިމުން ނަގާފެން، އަދި ހަމުގައި ރައްކާކޮށްފައި ހުންނަ ވާރޭފެނަކީ އެފެން ބެލެހެއްޓޭ ގޮތުން އޭގައި ޖަރާސީމު އުފެދޭ ފެނެވެ.

ނަމަވެސް ފެން މޯޓަރެއް މެދުވެރިކޮށް އެ ފެން ބިމުއަޑިން ނުވަތަ ފެން ރައްކާކުރާ ހަމުން ނެގުމަށްފަހު، އިސްކުރުން ބޭރުކުރާ އިރު ހުންނަ ނުރައްކާތެރިކަން މި މެޝިން ބޭނުންކޮށްގެން ނައްތާލެވޭނެއެވެ. އެގޮތުން އިސްކުރުގެ ކޮޅަށް މި މެޝިން ގުޅުމުން، އިސްކުރުން އަންނަ ފެން މި މެޝިނުގައި ފިލްޓާކޮށް ބެކްޓީރިއާތައް ދުއްވާލާނެއެވެ. އަދި ފެނުގެ ރަހަ އެހިސާބުން މީރުވާނެއެވެ.

އިސްކުރު ފެން ފިލްޓާ ކުރުމަށް ހާއްސަ ފިލްޓަރު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މެޝިން އެކްޓިވްކުރުމަށް އެއަށް ލައްވަން ޖެހެނީ ގަޑިއަށް ލައްވާޒާތުގެ ސީމޮސް ބެޓެރިއެކެވެ. އަދި 800 ލީޓަރުގެ ފެން ފިލްޓާކުރުމަށް ފަހު ފިލްޓަރު ބަދަލުކުރަން ޖެހެއެވެ.

އެ މެޝިން ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ "އެޗްޕީ ވޯޓާމޭކާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އިން މިހާރު ހުޅުމާލޭގައި ކުރިއަށްދާ މެރިން އެކްސްޕޯގައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒަރީރު ވިދާޅުވީ، ތޮއިބާ މިސްކިތް ކައިރީ ހުންނަ އެ ކުންފުނީގެ "އެޗްޕީ" ސާވިސް ސެންޓަރުން އެ މެޝިން ގަންނަން ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން އެ ކުންފުނިން ވަނީ މެރިން އެކްސްޕޯގައި، ސަފާރީ ތަކަށް އަދި ކަނޑުގައި ދުއްވާ އެފަދަ އެހެން އުޅަނދުތަކަށް ޚާއްސަ އާރުއޯ ފެން ޕްލާންޓެއް ވެސް އިފްތިތާހުކޮށްފައެވެ. އެއީ 600 ލީޓަރު އެއްދުވަސް ތެރޭ އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ މެޝިނެކެވެ.

"އެޗްޕީ ވޯޓާމޭކާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އިން ތައާރަފްކުރި އާރުއޯ ޕްލާންޓް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ މެޝިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް މެރިން އެކްސްޕޯގައި އެ ފުރުސަތު ލިބޭނެއެވެ.