01 Oct 2016, 09:19
ލިބޭ އާމްދަނީ ބޯހިޔާވަހިކަމަށް ހަރަދުކޮށް މިއޮންނަނީ ދަރާވިކިފަ އެވެ. އެކަމަކު މުއާސަލާތީ ހިދުމަތް އެންމެންގެ އަތުން ޓެކްސް ނަގަނީ އެއްވަރަކަށެވެ. މުދަލާއި ހިދުމަތުގެ ޓެކްސްވެސް ހަމަ އެގޮތެވެ. މަހުޖަނު މީހާއާއި ފަގީރު މީހާއާއި ތަފާތެއްނެތެވެ. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ފިޔަވައި އެހެން ޓެކްސްތަކަށް ބަލާއިރު ފަގީރު މީހާއާއި މަހުޖަނު މީހާއާއި ތަފާތެއްނެތެވެ.
ކާޑުގެ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދޭން ނިންމުމުން ދައުލަތުގެ ބަޖެޓުން 104 މިލިއަން ރުފިޔާ ރައްކާ ކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެނިންމުން ނިންމި އިރު އެއަށް ވުރެ އަވަހަށް ކުރަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ މުއްސަދިންގެ އާމްދަނީ އިން ނަގާ ޓެކްސްއެއް ކަމަށްވާ އިންކަމް ޓެކްސް ނެގުމެވެ. އެޓެކްސް ނެގުމުން ސަބްސިޑީ ކަނޑާލުމުން އެރައްކާކުރެވޭ 104 މިލިއަން ރުފިޔާގެ ދެ ގުނަ ރައްކާ ކުރެވޭނެ ކަމަށްބެލެވެ އެވެ.

ޓެކްސް ނިޒާމް ފުރިހަމަ ކުރުމަށް މުއްސަދިންގެ އާމްދަނީއިން ޓެކްސް މުހިންމު!
ކުރީގެ ސަރުކާރުން ފެށިގެން ރާއްޖެ އަށް ޓެކްސް ތައާރަފްކޮށްފައިވާ އިރު މިހާތަނަށް ނެގޭ ހުރިހާ ޓެކުހަކީ ވެސް އެންމެންގެ މެދުގައި ހަމަހަމަ ގޮތެއްގައި ނެގޭ "އިންޑައިރެކްޓް" ޓެކްސްތަކެވެ. އޭގެ ބަދަލުގައި މުއްސަދިންނާއި ފަގީރުންނާއި ފަރަގު އޮންނަ ޕްރޮގްރަސިވް ޓެކްސްތައް ނަގަން ޖެހެ އެވެ. ޕްރޮގްރަސިވް ޓެކުހަކީީ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ބޮޑު ޓެކުހެއް ނަގައި މަދު އާމްދަނީއެއް ލިބޭ ފަރާތްތަކުން ކުޑަ ޓެކުހެއް ނެގުމެވެ. ޕްރޮގުރަސިވް ޓެކުހެއް ނަގާ ނަމަ އެންމެ ރަނގަޅު ޓެކުހަކަށް ވާނީ އިންކަމް ޓެކްސް އެވެ.
"ޓެކްސްގެ ނިޒާމް ކޮމްޕްލީޓް ވާން އެބަ ޖެހޭ. އެކަން ކޮމްޕްލީޓް ކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން. ޓެކްސްގެ ނިޒާމް ރޭވިފައި އޮތީ ޖީއެސްޓީއަށް ފަހު ބިޒްނަސް ޕްރޮފިޓް ޓެކްސް އަދި އިންކަމް ޓެކްސް ނަގަން. ޖީއެސްޓީ ނަގަން ފެށުމުން އެންމެ އާދައިގެ ކަންމަތީ ފިހާރައިގެ ސޭޓަށް ވެސް މިހާރު ވިޔަފާރިއަށް ވާނުވާ އެބަ އެނގޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެކްސްގެ ނިޒާމް ރޭވިފައި އޮންނަނީ މިގޮތަށް،" ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވި އެވެ.
އިންކަމް ޓެކުހަކީ ދުނިޔޭގެ ބޮޑެތި ހުރިހާ އިގްތިސާދެއްގައިހެން ނަގަމުން އަންނަ ޓެކުހެކެވެ. އިންކަމް ޓެކްސް އެއް ނަގަން ޖެހޭ ސަބަބުތައް ވަރަށް ސާފެވެ. އެންމެ ބޮޑު އެއް ސަބަބަކީ އާމްދަނީގެ ފަރަގު ކުޑަ ކުރުމެވެ. ހަމައެއާ އެކު ސަރުކާރުން ރައްޔިތުންނަށް ދޭ އެކިއެކި ސަބްސިޑީތަކަށާއި ގައުމު ހިންގުމަށް މުއްސަދިންގެ އަތުން ފައިސާ ހޯދުމެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އެތައް ސަބްސިޑީއެއްދޭ އިރު އެއީ މުއްސަނދި މީހާ އާއި ފަގީރު މީހާގެ އަތުން އެއްވަރަށް ޓެކްސް ނަގައިގެން ދޭ އެއްޗަކަށްވާ ނަމަ އޭގެ މާނައެއް ނެތެވެ.
އިގްތިސާދީ ބާރުތައްކަމަށްވާ ޗައިނާ އާއި އިންޑިއާ އަދި އެމެރިކާގައި ވެސް އިންކަމް ޓެކްސްނަގަ އެވެ. އެމެރިކާގައި 2010 ވަނަ އަހަރު 8375 ޑޮލަރުގެ އާމްދަނީއެއް ލިބުނު ފަރާތްތަކުންގެ އަތުން 15 ޕަސެންޓްގެ ޓެކްސް ނެގުމަށް ހަމަޖައްސާފައިވެ އެވެ. އަދި 373650 ޑޮލަރުގެ އާމްދަނީ އެއް ލިބޭ މީހުން އަތުން 35 ޕަސެންޓް ޓެކްސް ނެގުމަށް ވަނީ ހަމަޖައްސާފަ އެވެ.
އިންކަމް ޓެކްސް އަކީ ކޮރަޕްޝަނަށް އޮތް ހުރަހެއް!
އިންކަމް ޓެކްސް ނަގަަން ފެށުމުން ލިބޭ އާމްދަނީގެ ބަޔާންތައް ހުށަހަޅަން ޖެހޭނެ އެވެ. ވަކިވަކި ފަރުދުންގެ އާމްދަނީގެ ބަޔާންތައް ޓެކްސް އިދާރާއަށް ހުށަހަޅަން ޖެހެ އެވެ. އެހެންކަމުން ކުރި މަސައްކަތެއް ނެތި ކުއްލިއަކަށް ލިބިފައި ހުންނަ ބޮޑެތި ފައިސާގެ އަދަދުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ދައުލަތުގެ މުއައްސަސާތަކަށް ލިބިގެންދެ އެވެ. އެއީ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ފަޅާއަރަން އޮތް މަގެކެވެ.
އިންކަމް ޓެކްސް ނެގުމަށް ސަރުކާރުގެ ވިސްނުމެއްނެތް!
އިންކަމް ޓެކްސް ނެގުމަށް ކުރީގެ ދެ ސަރުކާރުން މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން އިންކަމް ޓެކްސް ބިލެއް ޑުރާފްޓް ކުރެވުނެވެ. އެބިލް މަޖިލީހަށް ހުށައެޅި ނަމަވެސް އެބިލް މިހާރު އޮތީ ޕާކްކޮށްފަ އެވެ. އެކަމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އިންކަމް ޓެކްސް ނެގުމުގެ މަސައްކަތް މިހާތަނަށް އަދި ކުރަމުން ނުދާ ކަމަށެވެ.
"ކުރިމަގުގައި އިންކަމް ޓެކްސް ނެގުމަށް މިނިސްޓަރު ނުނިންމަވާކަމެއް ނޭނގޭ، ނަމަވެސް ތިލަފަށެއްގައި ތިކަމެއް ނޫޅޭ،" އައިމަން ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުންނަ އިމާރާތް: ސަން ފައިލް ފޮޓޯ
އިންކަމް ޓެކްސް ނެގުމާ ގުޅޭ ގޮތުން ނައިބް ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވީ، އިންކަމް ޓެކްސް ނެގުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ކަމަށްވާ ބިޒްނަސް ޕްރޮފިޓް ޓެކްސް(ބީޕީޓީ) އަކީ ވެސް އިންކަމް ޓެކްސް ބަދަލުގައި ނެގޭ ޓެކްސްއެއް ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
"ބީޕީޓީއަކީ ވެސް ގާތްގަނޑަކަށް އިންކަމް ޓެކްސްއެއްތާ، އިންކަމް ޓެކްސް ނަގާކަމަށްވަންޏާ އެކުރަން ޖެހޭ މަސައްކަތާއި ބަލާ އިރު ތަންކޮޅެއް އިންކަމް ޓެކްސް ނަގަން އުނދަގޫވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓެކްސް ފައިސާ ހެޔޮގޮތުގައި ބޭނުން ކުރަން ޖެހޭ
ރައްޔިތުންގެ އަތުން ޓެކްސް ނަގަނީ ގައުމު ހިންގުމަށެވެ. ރައްޔިތުންނަށް ފާގަތިކަން ހޯދައިދިނުމަށެވެ. އޭގެ ތެރޭގައި އެކިއެކި ވެލްފެއާ ކަންތައްތައްހިމެނެ އެވެ. ސަބްސިޑީތައް ހިމެނެ އެވެ. ގައުމުގައި ކޮރަޕްޝަން އިންތިހާއަށް މަތިވެފައިވާ އިރު ރައްޔިތުންގެ އަތުން ނަގާ ޓެކްސްއިން ކުރާ ހޭދަ ސާފުކޮށް ފެންނަން ޖެހެ އެވެ.
ސަބްސިޑީ ކަނޑާލުމަށް ފަހު އެ ފައިސާ ބޭނުން ކުރަންވާނީ ރައްޔިތުންގެ ލާބައާއި މަންފާ އަށެވެ. އަދި އެ ނަގާ ފައިސާ ހަރަދުކުރާގޮތާއި ދޭ ހިދުމަތްތަކުގެ ސައްހަ ތަފާސް ހިސާބްތައް ރައްޔިތުންނަށް އެނގެންޖެހެ އެވެ.
ބައެއް ޓެކްސް ތައާރަފު ކުރިއަސް، މިއަދާ ހަމައަށް ވެސް ނިކަމެތިންނާއި މުއްސަދިން މިވަނީ ޓެކްސް ނެގުމުގައި އެއްހަމައެއްގަ އެވެ. މިއީ ދެކޮޅު ޖެހޭ އުސޫލެއް ނޫނެވެ. ރާއްޖޭގައި ޓެކްސް ނަގާތާ ހަތް އަހަރު ވެފައިވާ އިރު ޓެކްސް ނިޒާމް އަދިވެސް ފުރިހަމަވެފައެއްނުވެ އެވެ. އެއީ އިންކަމް ޓެކްސް ނުހިމަނާތީ އެވެ. އެހެންކަމުން ޓެކްސް ނިޒާމް ފުރިހަމަ ކުރުމަށް އިންކަމް ޓެކްސް ތައާރަފް ކުރަން ޖެހެ އެވެ. ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލާ އިރު، މިކަން ވެސް ފުރިހަމަ ކުރަން ޖެހެ އެވެ.