ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެއްވަމުން އައި ސަބްސިޑީން ބައެއް އުނިކޮށްފައިވާ އިރު، އޭގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާ ނަމަ އެކަމާ މެދު ސަރުކާރުން ރަނގަޅުގޮތެއް ވިސްނާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލުގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ކާޑުގެ ސަބްސިޑީއަށް ގެނައި ބަދަލާ ގުޅިގެން އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒުހޫރު ވިދާޅުވީ، ސަރުކާރުން ސަބްސިޑީގެ ބައެއް އުނިކުރަން ނިންމީ ބޭރުގެ މާލީ އިދާރާތަކުގެ ފިއްތުންތަކެއް ރާއްޖެއަށް ކުރިމަތިވެފައި ވާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަބްސިޑީ އެއްކޮށް ކަނޑާލީ ނޫން ކަމަށާއި ސަބްސިޑީން ބައެއް ސަރުކާރުން އުނިކުރީ ކަމަށެވެ. މިހާރު ވެސް އެސްޓީއޯ އިން އެތެރެކުރާ ހަނޑޫ، ހަކުރު އަދި ފުށުގެ ސަބްސިޑީގެ ބޮޑުބައެއް މިހާރު ވެސް "ހަމަ ކުރީގައި އޮތްގޮތަށް ބޭއްވިފައި"ވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެމުން އައި ސަބްސިޑީ ކަނޑައެއް ނުލަން. އެއިން ބައެއް އުނިމިކުރީ. ދެން މީގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ ނަމަ ހަމަ ގައިމު ވެސް ސަރުކާރުން މިކަމުގައި އިތުރު ގޮތަކަށް ވިސްނާނެ،" ޒުހޫރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކާޑުގެ ބާވަތްތައް އަބަދު ވެސް ސަބްސިޑައިސް ކޮށްފައި ބާއްވާ ނަމަ މުސްތަގުބަލުގައި ގެއްލުންތަކެއް ވެދާނެ ކަމަށާއި، ބޭރުގެ ގައުމުތަކުގައި އޮންނަ އުސޫލުން ސަބްސިޑީ ކުރިން އޮތްގޮތަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ޒުހޫރު ވިދާޅުވީ ސަބްސިޑީ ދެމުން އައި އުސޫލަށް ބަދަލު ގެންނަން ޖެހުނީ ބޭރުގެ މާލީ އިދާރާތަކުން ދެމުން ގެންދާ އެހީތަކާއި ލޯނުތައް ލިބުން ދަތިވުމުން ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ހުށަހަޅާ އެފަދަ ހުށަހެޅުންތަކަށް އަބަދު ފުރަގަސް ނުދެވޭނެ ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ތަރައްގީއަށް އަޅުގަނޑުމެން ނަގަން މިޖެހޭ ލޯނުތައް ނަގަންޖެހެނީ ދުނިޔޭގެ މާލީ އިދާރާތަކުން. ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދެވެނީ އަޅުގަނޑުމެނަށް ބޭރުގެ ފަރާތްތަކުން ފައިނޭންސް ކުރީމާ. އެހެންނަމަވެސް އެބޭފުޅުން އެއްގޮތަކަށް ވެސް ފައިނޭންސް ކުރާކަށް ބޭނުމެއް ނުވޭ ދިވެހިރާއްޖޭގެ ހުރިހާކަމެއް ސަބްސިޑައިޒް ވެފަ އޮވެގެން،" ޒުހޫރު ބޭރުގެ މާލީ އިދާރާތަކުން އެންމެ ކަންބޮޑުވީ ރާއްޖޭގެ ކަރަންޓާއި ކާޑުގެ ސަބްސިޑީ ދޭތީ ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގައި މިހާތަނަށް އައިއިރު ހުރިހާކަމެއް ވެސް އޮތީ ސަބްސިޑައިޒް ކުރެވިފައި ކަމަށާއި އެހެންކަމުން ލިބެމުން އައި އާމްދަނީ ހަރަދުކުރަން އޮތީ "އަޅުގަނޑުމެންގެ އުފައްލަށްޓަކައި"ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

ބޭރުގެ އެހީތައް ލިބެން އަންނަނީ އެބޭފުޅުންގެ އަޑު އެހައިގެން ކަމަށްވާ ނަމަ އެކަން ކުރަން ޖެހޭ ކަމަށް ޒުހޫރު ވަނީ ވިދާޅުވި އެވެ.