ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށާއި ލުއިފަސޭހައަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ހިޖުރައިގެ މަތިވެރި ހާދިސާއަކީ، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވާނެ މުހިންމު ހާދިސާއެއް ކަމަށެވެ.

އެހެންކަމުން ހިޖުރައިގެ މަތިވެރި ހާދިސާއިން އިބްރަތް ލިބިގަނެ ދިވެހިންގެ މެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ އަޒުމް އާ ކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

"ހިޖުރައިގެ ދަރުސްތަކުން އިބްރަތް ހާސިލުކޮށް އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމާއެކު ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށާއި ލުއިފަސޭހައަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތަކުގެ ވެރިންނަށްވެސް، ރައީސް ޔާމީން، ހިޖުރީ އާ އަހަރުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކޮށްފައިވެ އެވެ.

ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައި ވަނީ، އިސްލާމީ ތާރީޚުގެ ވަރަށް ޢިބްރަތްތެރި ހާދިސާއެއް ކަމަށްވާ ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާ އެވެ.