03 Oct 2016, 10:42
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ލުއިސް ވެންހާލް ބޭރުކުރީ، އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބަށް ރަނގަޅު ކާމިޔާބީތަކެއް ހާސިލް ނުކުރެވުމުންނެވެ. އެ ބަދަލާ އެކު ދެން ފެނިގެން ދިޔައީ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ދުވަސްވަރު، އެޓީމަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔަ ކޯޗު ހޯޒޭ މޮރީނިއޯ ޔުނައިޓެޑާ ހަވާލުވި މަންޒަރެވެ.
ބޮޑެތި ޚަރަދުތަކެއް ކޮށްގެން މި ސީޒަނާ ކުރިމަތިލި، ޔުނައިޓެޑުން އާދީއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީއާ ވާދަކޮށް 1-1 ލަނޑުން އެއްވަރުވި މެޗަށް ފަހު އެޓީމަށް ޖުމުލަ ހަތް މެޗުން ލިބިފައި ވަނީ އެންމެ 13 ޕޮއިންޓެވެ. އެއީ މިދިޔަ ސީޒަންގެ ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ ހަތްމެޗުން ލިބުނު ޖުމުލަ ޕޮއިންޓަށް ވުރެ ތިން ޕޮއިންޓް މަދު އަދަދެކެވެ.
ޔުނައިޓެޑަށް ޕޮއިންޓުތައް ގެއްލެން ފެށީ، ފުރަތަމަ ދެ މެޗަށް ފަހު އެވެ. އެގޮތުން ވާދަވެރި މެންޗެސްޓާ ސިޓީއަތުން 2-1 ލަނޑުން ބަލިވި މެޗަށް ފަހު، ޖެހިގެން އައި މެޗުގައި ވޮޓްފޯޑް އަތުން ޔުނައިޓެޑްވަނީ 3-1 ލަނޑުގެ ނަތީޖާއަކުން ބަލިވެފަ އެވެ. ދެން އަނެއްކާވެސް އެ ކްލަބަށް ހިންދެމިލެވުނީ، ޗެމްޕިއަން ލެސްޓާ އަތުން 4-1ގެ ނަތީޖާއިން މޮޅުވި މެޗަށް ފަހުއެވެ.

ލަނޑެއް ނުޖެހި 10 މެޗު ފާއިތުވި ފަހުން މާޝިއަލް ވަނީ، ސްޓޯކް ކޮޅަށް ލަނޑެއް ޖަހައި އެކަން ނިމުމަކަށް ގެނެސްފައި -- ފޮޓޯ: ބީބީސީ
ކޯޗު ހޯޒޭ މޮރީނިއޯއަށް ޔުނައިޓެޑަށް ދިމާވެގެން އުޅޭ ހަގީގީ މައްސަލަ ދެނެ ނުގަނެވި އުޅެނިކޮށް، އިއްޔެ ސްޓޯކާ ދެކޮޅަށް ކުޅުނު މެޗުގެ 61 ވަނަ މިނިޓްގައި އެންތޮނީ މާޝިއަލް ޖަހައިދިން ލަނޑާއެކު އުފާފާޅުކޮށްކޮށް ތިއްބައި ސްޓޯކްގެ ޖޯއެލަން ވަނީ 82 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ޔުނައިޓެޑް ހާސްކަމެއްގެ ތެރެއަށް ވައްޓާލައިފަ އެވެ.
އެ މެޗަށް ފަހު މޮރީނިއޯ ބުނީ، ސްޓޯކާ ދެކޮޅަށް އޭނާގެ ޔުނައިޓެޑުން ދެއްކި ރީތި ކުޅުމަކީ މިފަދަ ނަތީޖާއެއް ނުކުންނަން ޖެހޭވަރަށް ވުރެ ފުރިހަމަ ކުޅުމެއް ކަމަށެވެ. އޭގެ ބަދަލުގައި އެ މެޗުން "5-0 ނުވަތަ 6-0 ލަނޑުގެ ތަފާތަކުން ޔުނައިޓެޑް މޮޅުވާން ޖެހޭ" ކަމަށް މޮރީނިއޯ ބުންޏެވެ.
މެޗުގެ ނަތީޖާ ޔުނައިޓެޑްކޮޅަށް ބުރަކޮށްލަން ވަރަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި، ބޭކާރުވެގެން ދިޔަކަން މޮރީނިއޯ ފާހަގަކުރި އެވެ.

ޕައުލް ޕޮގްބާ ވަނީ ސްޓޯކްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައި. އެހެން ނަމަވެސް އޭގެ ހުރަހަކަށްވީ ސްޓޯކްގެ ހުޝިޔާރު ގޯލްކީޕަރު ލީ ގްރާޓް -- ފޮޓޯ: ބީބީސީ
މެންޗެސްޓާ ޔުނައިޓެޑުން ކްލަބު ރެކޯޑް އަގަކަށް ޕައުލް ޕޮގްބާ އެ ކްލަބަށް ގެނެސް، އަދި ސްކޮޑް ވަރުގަދަ ކުރުމަށް އެނޫން ވެސް ބޮޑެތި ޚަރަދުތަކެއް ކޮށްފައި ވާއިރު، މިދިޔަ ސީޒަނުގެ މިހާތަނުގައި ވެންހާލް ނެރުނު ނަތީޖާ މޮރީނިއޯއަށް ނުނެރެވުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން މިހާރު ދަނީ އަމާޒުވަމުންނެވެ.
ލީގު ތާވަލުގައި ޔުނައިޓެޑް މިވަގުތު އޮތީ 7 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ. ލީގުގައި ދެން ޔުނައިޓެޑަށް އޮތީ ވެސް ވަރުގަދަ ދެ މެޗެވެ. އެއީ ލިވަޕޫލް މެޗާއި ޗެލްސީ މެޗެވެ.