04 Oct 2016, 18:33
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ ކ. މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާފުށީ ޖަލަށް ފޯނުތަކެއް ގެންދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރިކޯޑް އޮންނަ މީހެއް ކަމަށެވެ.
އޭނާ ފުލުހުން ހައްޔަރުކުރީ އޮކްޓޯބަރު އެއްވަނަ ދުވަހުގެ މެންދުރު މާލެއިން މާފުއްޓަށް ދަތުރުކުރި ލޯންޗަކުން މާފުއްޓަށް ދިޔަތަނުން ކަމަށް ފުލުހުން ބުންޏެވެ.
ޖަލަށް އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ ނުވަ މޯބައިލް ފޯނަކާއި ޗާޖަރުތަކަކާއި ހެޑް ސެޓްތަކެއް ފެނިފައިވަނީ އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދުގެ މުއްދަތު އަށް ދުވަހަށް މާފުށީ ކޯޓުން ވަނީ އިތުރުކޮށްފައެވެ.
މާފުށި ޖަލަށް ފޯނުތަކެއް ގެންދަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ފައިވާނެއްގެ ތެރޭގައި ރައްކާކޮށްގެން މާފުށި ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު އަންހެނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.