04 Oct 2016, 20:39
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ދެއްވައިފިއެވެ.
ސައުދީ ރަސްގެފާނުގެ ދައުވަތަކަށް އެގައުމަށް އިއްޔެ ވަޑައިގެންނެވި ރައީސް ޔާމީން މިއަދު ވަނީ ސަލްމާން ރަސްގެފާނާ ބައްދަލުކުރައްވައިފައެވެ.
ދެބޭފުޅުންގެ ދެމެދުގައި މިއަދު ރަސްމީ ވާހަކަތަކާ މަޝްވަރާތައް ކުރިޔަށް ދިޔަ އިރު، އެންމެ ކުރީއްސުރެ ވެސް ދެގައުމުގެ ދެމެދުގައި އޮންނަ އަޚުވަންތަކަމުގެ ގުޅުމުގެ ވާހަކަތައް ރައީސާއި ރަސްގެފާނު ވަނީ ދައްކަވައިފައެވެ.
ރައީސް ޔަމީން ވަނީ، ރާއްޖޭގެ ތަރައްގީއަށް ސައުދީ އަރަބިއްޔާއިން ފޯރުކޮށްދެމުން ބޮޑެތި އެހީތައް ފާހަގަ ކުރައްވައި، އެކަންކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދުނިޔޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެ އޮތީ ސައުދީއާ އެކު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ދެގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން މިވަގުތު އޮތީ އެންމެ މަތީގައި ކަމަށެވެ. އަދި ރާއްޖެއަށް މި އަހަރު ސައުދީ ސަރުކާރުން ދެއްވި ހައްޖު ކޯޓާއަށް ރައީސް ޔާމީން ޝުކުރު އަދާކުރައްވައި، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު ސަލްމާން ރަސްގެފާނަށް ރައީސް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނާ ގޮތުން، ސަލްމާން ރަސްގެފާނު ވަނީ އެ ދައުވަތު ގަބޫލުކުރައްވައިފައެވެ. އަދި ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރަސްގެފާނު ވިދާޅުވިއެވެ.
ސަލްމާން ރަސްގެފާނު މީގެ ކުރިންވެސް ރާއްޖެއަށް ޒިޔާރަތެއް ކުރެއްވިއެވެ. ނަމަވެސް އޭރު އެމަނިކުފާނު ހުންނެވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ މަގާމުގައެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުގެ ކުރީކޮޅު، 2014 ވަނަ އަހަރުގެ ތެރޭގައި ކުރެއްވި ދަތުރުފުޅެކެވެ.