ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސުންގެ ހައިބަތާއި ގަދަރު އުފުލައިދިނުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމުގެ ގޮތުން ދެއްވި މެސެޖުގައި ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މުދައްރިސުންގެ ހައިބަތާއި ގަދަރު އުފުލައިދިނުމަކީ މިސަރުކާރުގެ އެއް ވައުދު ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި މިދިޔަ ތިން އަހަރު ދުވަސްތެރޭ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ތިން އަހަރު ދުވަހުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ސްކޫލުތަކުގައި ދާއިމީ ޓީޗަރުންގެ ގޮތުގައި ތިއްބެވި ހުރިހާ ޓީޗަރުންނަކީވެސް ދަށް ވެގެން ޑިޕްލޮމާ ފެންވަރަށް ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުންނެވެ.

"އަދި މިހާރު ކުރިއަށްދާ 3000 މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމާއެކު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މުދައްރިސުންނަކީ ދަށްވެގެން ޑިގްރީ ފެންވަރަށް ތައުލީމް ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމުގައި ޔަގީން ވެގެންދާނެ އެވެ." މިނިސްޓަރު ދެއްވި ތަހުނިޔާގެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން އެ މެސެޖުގައި މިނިސްޓަރު ވަނީ އުނގަންނައިދެއްވުމުގައި ބުރަ މަސައްކަތުގައި ވަރުބަލިކަމެއްނެތި ޒިންމާދާރުކަމާއި އުފަލާއެކު ޚިދުމަތްކުރައްވާ ހުރިހާ ޓީޗަރުންނަށް ދުވަހުގެ ތަހުނިޔާއާއި ސާބަސް ދަންނަވާފައެވެ.